މާލޭގެ ބިން ވިއްކުމަށް ހައުސިންގ މިނިސްޓްރީން އޮގަސްޓް މަހު ކުރި އިއުލާނު ބާތިލްކޮށް، އަނެއްކާ މާލޭގެ ސަރަހައްދުތަކުން ބިން ވިއްކުމަށް ހުޅުވާލައިފި އެވެ.
ފްރީ ހޯލްޑް އުސޫލުން ބިން ވިއްކުމަށް ހައުސިންގ މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ 9 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ މިނިސްޓްރީއާ ހަވާލުކޮށްފައިވާ ބިމުގެ ތެރެއިން މާލެއިން ބިން ވިއްކުމަށް ކަނޑައެޅިފައިވާ ޕްލޮޓްތައް ބީލަމުގެ އުސޫލުން އަގު ހުށަހެޅުމުގެ ފުރުސަތު، ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.
ބިން ވިއްކުމަށް ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ދެވަނަ ފަހަރަށް އިއުލާނު ބާތިލުކޮށް އިއުލާނު ކުރަންޖެހުނީ އެއްވެސް ފަރާތަކުން އަގު ހުށަހަޅުއްވާފައި ނުވާތީ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެ އެވެެ.
އެގޮތުން އޮކްޓޯބަރު 16 ވަނަ ދުވަހުން 31 ވަނަ ދުވަހުގެ ނިޔަލަށް އަގު ހުށަހެޅުމަށް ހައުސިންގ މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ.
ބިން ގަތުމަށް ހުށަހެޅޭ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 12000ރ. ގެ ރޭޓުންނެވެ. ބިން އަމިއްލަ ކުރުމަށް އަގު ދައްކަން ޖެހޭނެ ކަމަށާއި އެދުވަހަކު ހުށަހަޅާ އެންމެ މަތީ އަގު، ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން ހައުސިންގ މިނިސްޓްރީގެ ނޯޓިސް ބޯޑުގައާއި ވެބްސައިޓުގައި ޝާއިއު ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ހައުސިން މިނިސްޓްރީން ވަނީ މާލޭގެ ނުވަ ސަރަަހައްދެއްގެ ބިން ވިއްކުމަށް ހުޅުވާލާފައިވެ އެވެ.
ވިއްކުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތަފްސީލު؛
- ބްލޮކް 209، މ. ދަންޑެހެލުގެ/ ޕްލޮޓް 1
- ބްލޮކް 209، މ. ދަންޑެހެލުގެ/ ޕްލޮޓް 2
- ބްލޮކް 378، ޕްލޮޓް 1
- ބްލޮކް 378، ޕްލޮޓް 2
- ބްލޮކް 378، ޕްލޮޓް 3
- ބްލޮކް 378، ޕްލޮޓް 4
- ބްލޮކް 386، ޕްލޮޓް 1
- ބްލޮކް 386، ޕްލޮޓް 2
- ބްލޮކް 386، ޕްލޮޓް 3
ވިއްކުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ތެރޭގައި 4300 އަކަފޫޓުން ފެށިގެން 7600 އަކަފޫޓުގެ ބިމުގެ ސަރަހައްދު ހިމެނެ އެވެ.
ބިން ވިއްކުމަށް އިއުލާނު ކުރުމުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ އެކަމާ ކަންބޮޑުބުން ފާޅުކޮށްފަ އެވެެ.
މާލޭ ސިޓީ ކައުންސިލުންވަނީ އެކަމުގެ ކަންބޮޑުވުންތައް ހާމަކޮށްފަ އެވެ. މާލެއަކީ ބިމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ތަނަކަށްވާއިރު މިގޮތަށް މާލޭގެ ބިންތަކެއް ވިއްކާލަނީ، މުއްސަނދިން އިތުރަށް މުއްސަދި ކުރުމަށް ކަމަށް މާލޭ ސިޓީ ކައުންސިލުން ތުހުމަތުކުރެ އެވެ.
މިކަމާ ގުޅޭ ގޮތުން ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، މާލެއިން ބިން ވިއްކަން ހުޅުވާލީ ރައްޔިތުންނަށް ލާބައާއި މަންފާ ހޯދާދިނުމަށް، ރައްޔިތުންގެ ހަޒާނާ މުއްސަދި ކުރުމަށް ގާނޫނުގެ އިމުގެ ތެރެއިން ކަމަށެވެ.