ބްރޯޑްކާސްޓިން ކޮމިޝަނުން ގެންދަނީ މިނިވަން މީޑިޔާއަށް ހުރަސްއަޅަމުން ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ކޯޑިނޭޓަރ އަހްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހު ރާއްޖެޓީވީން ގެނެސްދިން "ބޮޑު ސުވާލު" ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން އެޗްއާރުސީއެމްގެ ކުރީގެ މެމްބަރު ތޮލާލް ވިދާޅުވީ އަބުރުގެ ގާނޫނުގައި ބްރޯޑްކާސްޓިން ކޮމިޝަނަށް ލިބިދީފައިވާ އިހްތިޔާރުތަކުގެ ބޭރުން މީޑިޔާތަކަށް ފިޔަވަޅު އަޅަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ސީދާ ހިޔާލުފާޅުކުރުމުގެ މިނިވަން ކަމާ ދެކޮޅަށް އެފަދަ ކޮމިޝަންތަކުން މަސައްކަތް ކުރަމުންދާއިރު ވެސް އެކަން ހުއްޓުވޭނެ ނިޒާމެއް ރާއްޖޭގައި ނެތް ކަމަށެވެ.
"މިއަދު އަޅުގަނޑުމެނަށް ފެނިގެން މިދަނީ ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް ވެސް ނުދޭ ބާރެއް އަމިއްލައަށް ނަންގަވައިގެން އެ ހައްގު ބޭނުން ކުރަމުންދާތަން. މާނައަކީ ޑިމޮކްރެޓިކް މުޖްތަމައުއެއްގައި ގާނޫނު އަސާސީން ދީފައި އޮންނަ ހައްގެ ހަނި ނުކުރެވޭނެ މިންވަރަށް ބްރޯޑްކާސްޓިން ކޮމިޝަނުން އެ ހައްގު ހަނިކުރާތަން އަޅުގަނޑުމެނަށް މި ފެންނަނީ " ތޮލާލް ވިދާޅުވި އެވެ.
އޭގެ އިތުރުން އޭނާ ވިދާޅުވީ މިއަދު ރާއްޖެއިން ފެނިގެން ދަނީ ގާނޫނު އަސާސީގައި ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތައް އެމީހުންގެ އަތުން ނިގުޅައިގަންނަމުންދާ މަންޒަރު ކަމަށެވެ.
"ހިޔާލު ފާޅުކުރުމުގެ މިނިވަންކަން މި ވަނީ ކުރިން ދުވަހަކުވެސް ފެނިފައިނުވާހާ މިންވަރަށް ރައްޔިތުން މަހްރޫމްކުރެވިފައި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޑިމޮކްރަސީއެއްގެ ބައެއް ސިފަތައް މިއަދު މި އޮތް ޑިމޮކްރެޓިކް ނިޒާމްގައި އެބަ އޮތް. ނަމަވެސް ޑިމޮކްރަސީ ޑިމޮކްރަސީއަކަށްވާ ރައްޔިތުންގެ ބައިވެރިވުން ލިބެންހުރި ގިނަ ދޮރުތައް މިވަނީ ގަދަބާރުން ބަންދުކުރެވިފައި،" އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ތޮލާލް ވިދާޅުވީ މީޑިޔާއާ ގުޅުންހުރި މުވައްސަސާތަކުގައި ތިބެން ޖެހޭނީ މީޑިޔާގެ މިނިވަން ކަމަކީ ޑިމޮކްރަސީގައި ކިހާ މުހިންމު އެއްޗެއްކަން އެނގޭވަރުގެ މީހުން ކަމަށެވެ.
މިނިވަން މީޑިޔާއަކަށް އޮތް އެންމެ ބޮޑު ހުރަހަކީ އަބުރުގެ ގާނޫނުކަން ފާހަގަ ކުރައްވައި، ތޮލާލް ވިދާޅުވީ މީޑިޔާއަކަށް ފިޔަވަޅު އަޅާއިރު ފިޔަވަޅު އަޅާ އުސޫލެއްވެސް އެނގެން ޖެހޭނެ ކަމަށެވެ.