ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ޝަރީއަތްކުރުމުގެ ގަވައިދު އެ ގާނޫނުގައިވާ މުއްދަތުގެ ތެރޭގައި ހަދާފައިނުވާތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ގާނޫނީ ވަކީލް މަހްފޫޒު ސައީދު ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހު ގާނޫނީ ވަކީލުން ބޭއްވި ބައްދަލުވުމުގައި މަހްފޫޒު ވިދާޅުވީ ގާނޫނަކުން ވަކި ކަމެއް ކުރުމަށް ބައެއްގެ މައްޗަށް ލާޒިމްކޮށްފި ނަމަ އެކަން ކުރަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ހުކުމަކުން ވެސް ނިންމަވާފައިވާ ކަމަށެވެ.
" އެ މައްސަލައަކީ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރަނީ ރަށެއްގެ ގޯތިބައި ކުރުމުގެ މައްސަލައެއްގައި ގޮތް ނުނިންމިގެން އުޅެނީ އެކަމަށް ބޭނުންވާ ފަންނީ އެހީތެރިކަމާ ވަސީލަތްތައް އެ ބޭފުޅުންނަށް ލިބިވަޑައިނުގަންނަވާތީކަން އެ ބޭފުޅުންގެ ބަހުން ސާބިތު ވާތީ އެކަން ކުރުމަށް އަމުރުކުރާނެ ތަނެއް ނެތް ކަމަށް. ހައި ކޯޓުގައި ކައުނު ކުރުމެއް ނެތި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެންގެވުމަށް އަމުރެއް ނެރުއްވި ގާނޫނެއްގައި ވަކި ކަމެއް ކުރުމަށް ކަނޑައެޅީމަ ވަސީލަތްތައް ހާމަކުރުމަކީ އެ އިދާރާއެއްގެ މައްސޫލިއްޔަތެކޭ. ވަސީލަތެއް ނެތޭ ފަންނީ އެހީތެރިކަމެއް ނެތޭ ބުނަމަކީ ހުއްޖަތެއް ނޫނޭ ގާނޫނާ ހިލާފުވުމަށް،" މަހްފޫޒު ވިދާޅުވި އެވެ.
މަހްފޫޒު ވިދާޅުވީ ޖިނާއީ އިޖްރާއަތުގެ ގާނޫނާ އެއްގޮތަށް ގަވައިދު ނަހަދާ އޮތުމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަ ޖުޑިޝަލް ސާވީސް ކޮމިޝަނުގެ އަމިއްލަ އިސްނެންގެވުމަށް މި މައްސަލާގައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ފުންނާބު އުސް ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވީ ގާނޫނުގައި ވަކި ކަމެއް ކުރުމަށް ލާޒިމްކޮށްފި ކަމަށްވާނަމަ އެކަމެއް ކުރުމުގައި ވަކި ބަޔަކު އިސްތިސްނާ ނުވާނެ ކަމަށެވެ. އެގޮތުން ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދު ސުޕްރީމް ކޯޓުންނާއި ފުލުހުންގެ މުވައްސަސާއިން ހަދާފައިނުވާއިރު އެއީވެސް ގާނޫނާ ހިލާފުވުން ކަމަށް ބެލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
" {ގާނޫނުގައިވާ މުއްދަތައް) ނުކުރެވިއްޖެ ކަމަށްވާނަމަ އޭގެ ޒިންމާ އެ ފަރާތުން ނަންގަވަން ޖެހޭނެ އަމިއްލަ ފުޅަށް. އެއީ އިސްތިއުފާ ދިނުން ކަހަލަ ނޫނިއްޔާ ކުރެވޭނެ ބަޔަކަށް ދީފައި ދިއުން ކަހަލަ ކަންތައްތައް ކުރަން ޖެހޭނެ. އެހެންވީމަ އަޅުގަނޑު ދެކޭ ގޮތުގައި އެ ބޭފުޅުނަށް އެ ބޭފުޅުންގެ ގާނޫނީ ވާޖިބު އަދާ ނުކުރެއްވުން އެއީ ގާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި ކުރަން ޖެހޭ ކަމެއް ނުކުރެވުން،" ހުސްނުއް ސުއޫދު ވިދާޅުވި އެވެ.
އޭގެ އިތުރުން ހުސްނުއް ސުއޫދު ވިދާޅުވީ ގާނޫނާ ބޯލެނބުމުގެ ރޫހް ފުލުހުންގެ މުވައްސަސާގަ އާއި ކޯޓުތަކުގައި ހުރީ ކިހާ މިންވަރަކަށްތޯ ދިވެހި ރައްޔިތުން އަބަދުވެސް ސުވާލު އުފައްދާ ކަމަށެވެ.
ޖިނާއީ އިޖްރާއަތުގެ ގާނޫނު ފާސްކޮށް ގެޒެޓްކޮށްފައިވަނީ 2 މެއި 2016ގަ އެވެ. އެ ގާނޫނަށް އަމަލު ކުރަން ފެށީ މިއަހަރުގެ ޖުލައި ދެ ވަނަ ދުވަހު އެވެ. އެ ގާނޫނުގައި ބުނެފައިވާ ގޮތުން ތިން މަސްތެރޭގައި ޝަރީއަތް ކުރުމުގެ ގަވައިދެއް ހަދަން ޖެހެ އެވެ. އަދި އެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތަކެއް ހެދުމަށް އެހެން ބައެއް މުވައްސަސާތަކަށް ވެސް ލާޒިމް ކޮށްފައިވެ އެވެ.