ޖަލުގައި ހުއްޓާ މަރުވި ޢަބްދުއް ރަޝީދުގެ މަރު ތަހުގީގް ކުރުމަށް ޔޫއެން ހިއުމަންރައިޓްސް އޭޝިޔާއަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ޢަބްދުﷲ ޝާހިދު އަންގާރަ ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މޭޑޭ މުޒާހަރާއިން ހައްޔަރުކޮށް ޖަލަށް ލާފައިވާ ޢަބްދު ﷲ ރަޝީދަކީ ސިޔާސީ ކުށްވެރިއެއް ކަމަށާއި އޭނާ މަރުވެފައިވަނީ ޖަލުގައި ބަންދުކޮށްފައި ހުއްޓާ ކަމަށެވެ. އެހެން ކަމުން އޭނާގެ މަރުގެ ތަހުގީގެއް ހެދުމަށް ޔޫއެން ހިއުމަންރައިޓްސް އޭޝިޔާއަށް ގޮވާލައްވާ ކަމަށެވެ. އަދި ޢަބްދުއް ރަޝީދުގެ އާއިލާއަށް ހެޔޮގޮތް މިންވަރުކޮށް ދެއްވުން އެދޭ ކަމަށެވެ.
Political prisoner from May Day Rally Abdulla Rasheed dies in prison. Call on @OHCHRAsia to investigate. Thoughts & prayers with the family! pic.twitter.com/ZuAK5ZFFVV
— Abdulla Shahid (@abdulla_shahid) October 10, 2017
އަބްދުލް ރަޝީދު މުހައްމަދުގެ މަރާ ގުޅޭ ގޮތުން ކަރެކްޝަނަލް ސަރވިސަސްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، އުމުރުން 51 އަހަރުގެ ރަޝީދު، ބޭރަށް ހިންގާތީ ހޮސްޕިޓަލަށް ގެންދެވުނީ، ހޯމަ ދުވަހު ކަމަށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި "ބޭރަށް ހިންގާތީ" ރަޝީދު ހޮސްޕިޓަލަށް ގެންދިޔުމުގެ ކުރިން އޭނާގެ ހާލު ވަނީ ވަރަށް ދެރަވެފައެވެ. އަދި އެކި ފަހަރުމަތިން އޭނާ ހޮޑުލައި ހަދާފައިވާއިރު، އޭނާގެ ހޮޑާއި، ބޮޑުކަމުދާތަކެތީގައި ލޭ ހުންނަ ކަމަށް ބުނެ، އޭނާ އާއި އޭނާއާ އެކު ތިބި އެހެން ޤައިދީން ވަނީ އެކަން ކަރެކްޝަންސް އޮފިސަރުންގެ ސަމާލުކަމަށް ގެނެސްފައެވެ.
މޭޑޭ މުޒާހަރާގައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ރަޝީދުގެ މައްޗަށް ފަސް އަހަރުގެ ހުކުމެއް ކުރެވުނު އިރު، އޭނާގެ ހުކުމް ތަންފީޒުކޮށް ނިމެނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.