މީގެ 4 އަހަރު ކުރިން 2013 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު ރާއްޖެ ޓީވީގެ މައި ސްޓޫޑިއޯގައި ހުޅުޖަހާ އަންދާލި ހާދިސާގެ އަޑީގައި ތިބީ ކޮންބައެއް ކަން އެނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގައި މުސްތަފާ ދެއްކެވި ވާހަކައަކުން ޤައުމީ ސަލާމަތަށް ނުރައްކާވި ކަމަށް ބުނެ ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެ ޓީވީ ބައި މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުން ބެހެއްޓި ފަނޑުފޮށި ހުޅުއްވައިދެއްވަމުން މުސްފަތާ ވިދާޅުވީ ރައީސް ޔާމީން މީގެ ކުރިން ނުދައްކަވާ އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށާއި ކުރަން އުޅޭ ކަމަކީ ރާއްޖެ ޓީވީ ބަންދުކުރުން ކަމަށެވެ. އަދި އެމަސައްކަތް މާކުރިން ވެސް ކުރަމުން އަންނަ ކަމަށް މުސްތަފާ ވިދާޅުވިއެވެ.
ރާއްޖެ ޓީވީ ރޯކޮށްލި ރޯކޮށްލުމަށް އިޝާރާތް ކުރައްވާ މުސްތަފާ ވިދާޅުވީ އެކަން ކޮށްފައި ވަނީ މިހާރު އޮތް ސަރުކާރު އައުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ކަމަށާއި ރާއްޖެ ޓީވީ ރޯކޮށްލީ ކިހިނެއް ކަމާއި އެކަމުގެ އަޑީގައި ތިބި މީހުން މުސްތަފާއަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
"ރާއްޖެ ޓީވީ އަންދާލީ މިހާރު މިއޮތް ސަރުކާރު އޮއްވައެއް ނޫން. ވަރަށް ކުޑަ ދުވަސްކޮޅަކަށް ވެފައި އޮއްވާ ރާއްޖެ ޓީވީ އަންދާލި ހާދިސާ ވެސް އަޅުގަނޑަށް ވަރަށް ރަނގަޅަށް އިނގޭ. ރާއްޖެ ޓީވީ އަންދާލި މީހުގެ އަޑީގައި ތިބި މީހުން ވެސް އަޅުގަނޑަށް އެނގޭ. އެއީ އަޅުގަނޑަށް އެނގޭ ކަމަކީ ތިމަރަފުށީ ކުއްޖަކު އޭގައި ބައިވެރިވޭ. އަޅުގަނޑަށް ސާފުކޮށް ކިޔައިދިން އޭގެ އަޑީގައި ތިބީ ކޮން ބައެއް ކަމާއި އެކަން ކުރި ގޮތް. މިހާރު ވެސް ސިކުނޑީގައި، ވިސްނުމުގައި ހަނދާނުގައި އެބަހުރި އޭނާ ކިޔައިދިން ވާހަކަތައް. އޭގެ ދުވަސްކޮޅެއް ފަހުން އައީ މިސަރުކާރު. އައިސްގެން މިމަސައްކަތް އަލުން އަނބުރާ މިމަސައްކަތް ފެއްޓީ. އެހާތަނުން ވެސް ރާއްޖެ ޓީވީއެއް ނުދިޔަ ވުޖޫދުގައި އޮތް. ހައްތަހާ ރާއްޖެ ޓީވީ ދިޔައީ މަޝްހޫރުވަމުން. ރައްޔިތުން ބަލައިގަތުން ބޮޑުވަމުން ދިޔައީ،" މުސްތަފާ ވިދާޅުވިއެވެ.
ހ. ކުއީން އޮފް ދަ ނައިޓް އިމާރާތުގައި ރާއްޖެ ޓީވީ ހިންގި ސްޓޫޑިއޯގައި ރޯކޮށްލީ 2013 ވަނަ އަހަރުގެ އޮކްޓޯރ މަހުގެ 7 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. ރާއްޖެ ޓީވީގައި ރޯކޮށްލުމުގެ ކުރިންނާއި ފަހުން ވެސް އެކި ޒާތުގެ ގިނަ އަދަދެއްގެ ހަމަލާތަކެއް ރާއްޖެ ޓީވީގެ އިމާރާތްތަކަށާއި، އިކުއިޕްމަންޓަށް އަދި ޚާއްސަކޮށް ނޫސްވެރިންނާއި މުވައްޒަފުންނަށް ވަނީ ކުރިމަތިވެފައެވެ. އެހެން ނަމަވެސް މިއިން އެއްވެސްކަމެއްގެ ފަހަތުގައި ތިބި ބަޔަކު ކަމާބެހޭ ފަރާތްތަކަށް ހޯދިފައިނުވާއިރު، ރާއްޖެ ޓީވީއަށް ދޭން ޖެހޭ ހިމާޔަތް ދިނުމަށް ކަމާ ބެހޭ އިދާރާތައް ވަނީ ނުކުޅެދިފައެވެ.
ރާއްޖެ ޓީވީ 5 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައި މިވަނީ ރާއްޖެ ޓީވީ ރޯކޮށްލިތާ ހަތަރު އަހަރު ފުރުނު ދުވަހާ ޖެހިގެން އައި މިމަހުގެ 8 ވަނަ ދުވަހުއެވެ.