ޖަލު ބަންދުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން އައިޖީއެމްއެޗަށް ގެންނަވާ ޑޮކްޓަރަށް ދައްކައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވެސް ވަނީ ރާއްޖެ އެމްވީއަށް އެކަން ކަށަވަރުކޮށްދީފައެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ކަރެކްޝަނަލް ސާވިސްގެ ތަރުޖަމާނު އަހުމަދު ލުގުމާން ވިދާޅުވީ ފާރިސް މިއަދު 10:30 ހާއިރު މާލެ ގެންނަވާ އައިޖީއެމްއެޗްގެ ޑޮކްޓަރަކަށް ދައކަވާފައިވާ ކަމަށެވެ. އަދި ޑޮކްޓަރަށް ދެއްކެވުމަށް ފަހު ގާތްގަނޑަކަށް 12:30 ހާއިރު އަނބުރާ މާފުއްޓަށް ގެންދަވާފައިވާ ކަމަށެވެ.
ފާރިސް ގެންނެވީ ކޮންކަހަލަ ކަމަކާ ގުޅިގެންތޯ އާއި ދެއްކެވީ ކޮންކަހަލަ ބައްޔަކާ ގުޅޭ ޑޮކްޓަރަކަށްތޯ ދެންނެވުމުން ލުގުމާން ވިދާޅުވީ އެކަން ހާމަ ކުރެއްވެން ނެތް ކަމަށެވެ.
ލުގުމާން ވިދާޅުވީ އެކަންކަން ހާމަކުރެއްވެން ނެތީ އެއީ ފާރިސްގެ ޒާތީ ކަންތައްތަކަކަށް ވާތީ ކަމަށެވެ.
ފާރިސް ހައްޔަރު ކޮށްފައިވަނީ ރިޝްވަތު ދޭން އުޅުމުގެ ކުށުގައި އެމައްސަލައިގެ ތަހުގީގް ނުނިމެނީސް އަދި ޝަރީއަތް ވެސް ނުފެށެނީސް އެޝަރީޢަތް ނިމެންދެންނެވެ.
ފާރިސް ހައްޔަރުކުރުމަށް ނެރުނު އަމުރުގެ ދަށުން، ޖުލައި 18 ވަނަ ދުވަހު އޭނާ ހައްޔަރުކުރުމަށް ފަހު، ބަންދާ މެދު ގޮތެއް ނިންމުމަށް ޖުލައި 19 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށް ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ފާރިސް ބަންދުކޮށްފައި ވަނީ މާފުށީ ޖަލުގައެވެ.