މޭޑޭގެ މުޒާހަރާގެ މައްސަލައިގައި ޖަލަށްލާފައިވާ އަބްދުލްރަޝީދު ނިޔާވީ ސަރުކާރުގެ އިހުމާލުން ކަމަށް އެމްޑީޕީ އިން ބުނެފިއެވެ.
އެމްޑީޕީގެ ފަރާތުން އަންގާރަ ދުވަހު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛް ހަސަން ލަޠީފް ވިދާޅުވީ އަބްދުލްރަޝީދު ނިޔާވެފައިވަނީ ނުހައްޤުން ކޮށްފައިވާ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދަނިކޮށް، ހާލު ދެރަވެ، އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުން ކަމަށެވެ. އަދި އޭނާއަށް އެކަށީގެންވާ ފަރުވާ ނުލިބުމުގައި ދިވެހި ސަރުކާރުގެ އިހުމާލު ވަރަށް ބޮޑުކަމަށް އެމްޑީޕީއިން ދެކޭކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އިހުމާލު އެންމެ ހަރުކަށި އިބާރާތުން އެމްޑީޕީއިން ވަނީ ކުށްވެރި ކޮށްފައެވެ.
ކަރެކްޝަނަލް ސަރވިސަސްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، އުމުރުން 51 އެ އަހަރުގެ އަބްދުލް ރަޝީދު މުހައްމަދު، ބޭރަށް ހިންގާތީ ހޮސްޕިޓަލަށް ގެނެވުނީ، ހޯމަ ދުވަހު ކަމަށެވެ.
މޭޑޭ މުޒާހަރާގައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި އަބްދުލް ރަޝީދުގެ މައްޗަށް ފަސް އަހަރުގެ ހުކުމެއް ކުރެވުނު އިރު، އޭނާގެ ހުކުމް ތަންފީޒުކޮށް ނިމެނީ އަންނަ އަހަރުގެ ފެބްރުއަރީ 18 ގަ އެވެ.