މޯލްޑިވްސް ބްރޮޑްކާސްޓިންގ ކޮމިޝަނުގެ މެންބަރު ފާތިމަތު ޒައިނާ އެ މަގާމުން ވަކި ކުރުމުގެ މައްސަަލަ މަޖިލީހަށް ހުށަހަޅައިފި އެވެ.
މިކަމާ ގުޅޭ ގޮތުން އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، ބްރޮޑްކާސްޓިންގ ކޮމިޝަނުގެ މެންބަރު ޒައިނާ ސިޔާސީ އެކި އެކި ހަރަކާތްތަކުގައި އުޅުއްވާ މަންޒަރުތައް ފެނިފައިވުމަކީ މަގާމުގެ މަސްއޫލިއްތުތަކާއި ވާޖިބުތައް އެންމެ ފުރިހަމައަށް ދެފުންފެންނަ ގޮތަކަށް ހިންގަމުންދާ ކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި މި މައްސަލަ މަޖިލީހަށް ވައްދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒައިނާ ބްރޮޑްކާސްޓިން ކޮމިޝަނުގެ މެންބަރު ކަމުން ވަކި ކުރި މައްސަލަ ހުށަހަޅާފައިވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާއި މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ސޮއިކުރައްވައެވެ.
ރަސްފަންނުގައި ކުރިއަށްދިޔަ އިސްރަށްވެހިންގެ ބައްދަލުވުމމުގެ ހަރަކާތް ކަވަރު ކުރުމަށް ރާއްޖެޓީވީން އެތަނަށް ދިޔައިރު ޒައިނާ އުޅުއްވީ އެތަނުގައި ހުރި މޭޒުތަކުގައި ނަމްބަރުތައް ތަރުތީބު ކުރެއްވުމުގައެވެ. އަދި އެތަނުގައި ހުރި މޭޒުތަކާ ގޮނޑިތަކުގެ ތަރުތީބު ކިޔާދެއްވުމަށް އިސްކޮށް އުޅުއްވަނިކޮށް ރާއްޖެޓީވީން އެ މަންޒަރު ކެމެރާ ކޮށްފައި ވެއެވެ. އަދި ރާއްޖެޓީވީން އެ މަންޒަރު ނަގަން ފެށުމުން ކެމެރާއަށް ފިއްލަވަން މަސައްކަތްކުރެއްވި އެވެ. އެގޮތުން އެތަނުގައި ތިބި އެހެން މީހުންގެ ފަހަތަށް ވަންނަވަން މަސައްކަތް ކުރެއްވިއެވެ.
މިކަމާ ގުޅޭ ގޮތުން ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ސުވާލު ކުރުމުން، ސުވާލު އަޑު ނީވޭ ކަމަށް ވިދާޅުވެ، ފޯޅު ކަނޑާލެއްވި އެވެ.
ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޒައިނާ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތަި ލެއްވުމުގެ ކުރިން އުޅުއްވީ ރައީސްގެ އަނބިކަނބަލުންގެ އޮފީހުގަ އެވެ. އަދި ޕީޕީއެމްގެ ކޮންގްރެސްގައި ވެސް އިންތިޒާމުތަކުގައި އިސްކޮށް އުޅުއްވިއެވެެ.