އަޑުއެހުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވަމުންދާ ގޮންޖެހުންތައް މަދުކޮށް، ޚިދުމަތް ހޯދަން އަންނަ ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަގޮތެއްގައި ޚިދުމަތް ހޯދައިދިނުމުގެ މަގުސަދުގައި ޖެންޑާ މިނިސްޓްރީން ޕްރޮގްރާމެއް ފަށައިފިއެވެ.
ބޭސިކް ސައިން ލެންގުއޭޖް ޓްރޭނިންގެ ނަމުގައި ފެށި މިޕްރޮގްރާމުގައި މިނިސްޓްރީގެ 54 މުވައްޒަފުންނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ 20 އިންވެސްޓިގޭޝަން އޮފިސަރުން ވަނީ ބައިވެރިވެފައެވެ.
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ޕަރމަނަންޓް ސެކްރެޓަރީ އައިމިނަތު ޝިފާނާ ވިދާޅުވީ، މި ޓްރޭނިންގއަކީ އަޑުއެހުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވަމުންދާ ގޮންޖެހުންތައް މަދުކޮށް، ޚިދުމަތް ހޯދަން އަންނަ ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަގޮތެއްގައި ޚިދުމަތް ހޯދައިދިނުމުގެ މަޤްޞަދުގައި މިނިސްޓްރީން އިންތިޒާމުކުރާ ޕްރޮގްރާމެއްކަމަށެވެ. އަދި މިފަދަ ޕްރޮގްރާމްތައް މުސްތަޤުބަލުގައިވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި، މި އަހަރުގެ ކުރީކޮޅު މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންވެސްޓިގޭޝަން އޮފިސަރުންނަށާއި، މިނިސްޓްރީގެ ސޯޝަލް ސަރވިސް ވޯކަރުންނާއި މިނިސްޓްރީގެ އެހެން މުވައްޒަފުންނަށް ސައިން ލޭންގުއޭޖް ޓްރެއިނިންގއެއް ހިންގާފައިވާކަމަށްވެސް ޝިފާނާ ވިދާޅުވިއެވެ.
ޢާންމު ޚިދުމަތްދޭ ފަރާތްތަކުން ޚިދުމަތް ފޯރުކޮށްދިނުމުގައި އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކު ކުރެވޭ މުޢާމަލާތުގެ ހުނަރު ތަރައްޤީކުރުމުގެ މަޤްޞަދުގައި ހިންގާ މި ބޭސިކް ސައިން ލެންގުއޭޖް ޓްރޭނިންގ އަކީ 14 ދުވަހުގެ މުއްދަތައް ކުރިއަށްދާ ޕްރޮގްރާމެއްކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.