ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި އިދިކޮޅު މެމްބަރުން އިހުތިޖާޖުކުރަމުން ދަނިކޮށް، ޖަލްސާ ކުރިއަށް ގެންގޮސް ނިންމާލައިފި އެވެ.
ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސް ކަމަށް ބޭފުޅަކު އައްޔަން ކުރުމާއި ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސަށް ބޭފުޅަކު އައްޔަން ކުރުމެވެ. މި ދެ މައްސަލައަށް ބަހުސްކޮށް، ވޯޓް ވެސް ނަގާފައި ވަނީ މެމްބަރުން އިހްތިޖާޖުކުރަމުން ދަނިކޮށެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ ނާއިބު ރައީސް ކަމަށް އައްޔަން ކުރުމަށް މަޖިލީހުން ފާސްކުރީ ދާދިފަހުން އެކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރައްވާފައިވާ މުހައްމަދު ޒާހިދު އެވެ. ޒާހިދު މަގާމަށް އައްޔަން ކުރުމަށް ފެންނަ ކަމަށް ވޯޓް ދެއްވީ ސަރުކާރަށް ނިސްބަތްވާ 26 މެމްބަރަކު އެކަންޏެވެ. އަދި ސިވިލް ސާރވިސްގެ ނާއިބު ރައީސް ކަމަށް އައްޔަން ކުރައްވަން އެ ކޮމިޝަންގެ މެމްބަރު ޝަހީދު މުހައްމަދު އައްޔަން ކުރެއްވުމަށް ފާސްކުރީ ސަރުކާރަށް ނިސްބަތްވާ 27 މެމްބަރެއްގެ ވޯޓުންނެވެ.
ސިވިލް ސާރވިސް ކޮމިޝަންގެ ނާއިބު ރައީސް ކަމަށް ޝަހީދު މުހައްމަދު އައްޔަން ކުރުމަށް ހުށަހެޅުއްވީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު އެވެ. ނިހާނުގެ އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނާއިބު ލީޑަރު ރިޔާޒު ރަޝީދު އެވެ.
މަޖިލީހުގެ ޖަލްސާގައި އާއްމު އުސޫލުން ވޯޓަށް އެހުން އޮންނަނީ މެންދުރު 13:30 ގައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި ފަހުން ވޯޓް ނަގަނީ ބަހުސަށް ފަހު ވަގުތުންނެވެ.
އަންގާރަ ދުވަހުގެ ޖަލްސާ ކުރިއަށް ގެންދިޔައީ ގާތްގަނޑަކަށް 30 މިނެޓަށެވެ.