ރައީސް އަބްދުﷲ ޔާމީން އާއި އަނބިކަނބަލުން ފާތިމަތު އިބްރާހިމް ދީދީ، އުމުރުން ދުވަސްވީ މީހުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހަރަކާތުގައި ބްރޮކާސްޓިންގ ކޮމިޝަނުގެ މެންބަރު ފާތިމަތު ޒައިނާ އިސްކޮށް އުޅުއްވީ ކީއްވެގެންތޯ ސުވާލު ކުރެއްވުމުން ޖަވާބު ނުދެއްވާ ފޯނު ކަނޑާލައްވައިފި އެވެ.
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ބްރޮޑްކާސްޓިންގ ކޮމިޝަނުގެ މެންބަރު ޒައިނާއަށް ގުޅައި ސަރުކާރުން ބާއްވާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވަނީ ކީއްވެގެންތޯ ސުވާލު ކުރި އެވެ. ދެވަނަފަހަރު ސުވާލުކުރުމުން ވެސް އަޑު ނިވޭ ކަމަށް ވިދާޅުވެ، ފޯނު ކަނޑާލެއްވި އެވެ.
ރަސްފަންނުގައި ކުރިއަށްދިޔަ ހަރަކާތް ކަވަރު ކުރުމަށް ރާއްޖެޓީވީން އެތަނަށް ދިޔައިރު ޒައިނާ އުޅުއްވީ އެތަނުގައި ހުރި މޭޒުތަކުގައި ނަމްބަރުތައް ތަރުތީބު ކުރެއްވުމުގައެވެ. އަދި އެތަނުގައި ހުރި މޭޒުތަކާ ގޮނޑިތަކުގެ ތަރުތީބު ކިޔާދިނުމަށް އިސްކޮށް އުޅުއްވަނިކޮށް ރާއްޖެޓީވީން އެ މަންޒަރު ކެމެރާ ކޮށްފައި ވެއެވެ. އަދި ރާއްޖެޓީވީން އެ މަންޒަރު ނަގަން ފެށުމުން ކެމެރާއަށް ފިއްލަވަން މަސައްކަތްކުރެއްވި އެވެ. އެގޮތުން އެތަނުގައި ތިބި އެހެން މީހުންގެ ފަހަތައް ވަންނަވަން މަސައްކަތްކުރެއްވިއެވެ.
ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޒައިނާ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތަި ލެއްވުމުގެ ކުރިން އުޅުއްވީ ރައީސްގެ އަނބިކަނބަލުންގެ އޮފީހުގަ އެވެ. އަދި ޕީޕީއެމްގެ ކޮންގްރެސްގައި ވެސް އިންތިޒާމުތަކުގައި އިސްކޮށް އުޅުއްވިއެވެ.