ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބަށް ނޭނގި ނަމަވެސް ޖޫރިމަނާ އެކުރައްވަނީ ރައްޔިތުން ކަމަށާއި ރާއްޖެޓީވީ ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ނިޒާރު އަންގާރަ ދުވަހު ކުރެއްވި ޓުވީޓެއްގައި، ރާއްޖެޓީވީ ފަސްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމާ ގުޅިގެން، އަބުރުފުޅު ފަންޑުގެ ނަމުގައި ހުޅުވާ ފަންޑަށް ރައްޔިތުން ނިކުމެ ލާރިއަޅާ ފޮށި ފުރާލަންވީ ކަމަށް ވިދާޅުވިއެވެ.
Shaheeb ah neygi namaves jurumainaa e kuranee Rayyithun. @Raajje_tv eh noon. Rayyithun nikume foshi furaalaa. https://t.co/vNOvSN5Bdi
— Ali Nizar (@DhekunuNizar) October 10, 2017
ފަންޑް ހުޅުވަން ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ހަވީރު 4:30 ގައެވެ. ރާއްޖެޓީވީ ތަކުރާރުކޮށް ޖޫރިމަނާ ކުރަމުންދާ މައްސަލާގައި ގިނަ ބައެއްގެ ފާޑު ކިޔުންތައް ބްރޯޑްކޮމްއަށް ދަނީ އަމާޒުވަމުންނެއެވެ.
ރާއްޖެޓީވީގެ ނިއުސް ޑިރެކްޓަރ ހުޝާމް މުހައްމަދު ވިދާޅުވީ އަބުރުފުޅު ފަންޑު ފޮށި ހުޅުވުމުގެ މަޤްސަދަކީ ބްރޯޑްކާސްޓިންގ ކޮމިޝަނަށް 30 ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ ފަސްލައްކަ ރުފިޔާ ހަމަކުރުމަށް ބޭނުންވާ ފައިސާ ހޯދުން ކަމަށެވެ.
ހުޝާމް ވިދާޅުވީ މާލޭގެ އިތުރުން ރާއްޖެޓީވީއާ ގުޅިގެން އަތޮޅު ތެރޭގައި ފަންޑު ފޮށި ބެހެއްޓުމަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ރާއްޖެޓީވީގެ ނަންބަރު 3007771 އަށް ގުޅައިގެން މައުލޫމާތު ސާފުކުރުމަށް އެދިލައްވާ ކަމަށެވެ.
މި ފަންޑަށް ފައިސާ ޖަމާކުރެވޭ އުސޫލުތަކުގެ ތެރޭގައި ފަންޑު ފޮށި ހުންނަ ސަރަހައްދަށް އައިސް ފައިސާ ޖަމާކުރުމާއި ރާއްޖެޓީވީން ކަނޑައަޅާ ފަންޑުގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް ވެސް ހުޝާމް ވިދާޅުވިއެވެ.
ރާއްޖެޓީވީން ވަނީ މިއަހަރުގެ އޭޕްރިލް މަހު ވެސް އަބުރުފުޅު ފަންޑު ފޮއްޓެއް ހުޅުވާފައެވެ. މި އަބުރުފުޅު ފަންޑު ފޮށި ހުޅުވީ ރައީސް އަބްދުﷲ ޔާމީންގެ އަބުރާ ބެހުނު ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ ބްރޯޑްކާސްޓިންގ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ބެލި މައްސަލައެއްގައި އެއް މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކުރުމާ ގުޅިގެންނެވެ. އޭގެ ކުރިން ދެ ލައްކަ ރުފިޔާ އިން ވެސް ރާއްޖެ ޓީވީ ޖޫރިމަނާކޮށްފައި ވެއެވެ.