ސްރީލަންކާގައި ތެލުގެ އަގު ބޮޑުކުރުމަށް އިންޑިއަން އޮއިލް ކޯޕަރޭޝަނުން އެދުނުނަމަވެސް، ތެލުގެ އަގު ބޮޑުނުކުރެވޭނެ ކަމަށް ލަންކާގެ ތެލާއި ބެހޭ ވަޒީރު އަރްޖުނާ ރަނަތުންގަ ވިދާޅުވެއްޖެއެވެ.
ލަންކާގައި ތެލުގެ ވިޔަފާރި ކުރާ އެންމެ ބޮޑު އެއް ކުންފުންޏަކީ އިންޑިއާގެ މައި ތެޔޮ ކުންފުނި އިންޑިއަން އޮއިލް ކޯޕަރޭޝަނެވެ. އެކުންފުނިން ލަންކާގެ ޕެޓްރޯލިއަމް މިނިސްޓަރަށާއި ފިނޭންސް މިނިސްޓަރަށް ދަންނަވާފައިވަނީ މިމަހުގެ 1ވަނަ ދުވަހުން ފެށިގެން ތެލުގެ އަގު ބޮޑުކުރުމަށެވެ. އެހެން ނަމަވެސް ރަނަތުންގާ ވިދާޅުވީ އައި.އޯ.ސީ އިން ތެލުގެ އަގު ބޮޑުކުރި ނަމަވެސް ލަންކާ ސަރުކާރުގެ ތެޔޮ ކުންފުނި، ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަނުން ހެޔޮ އަގުގައި ރައްޔިތުންނަށް ތެޔޮ ވިއްކާނެ ކަމަށެވެ. އަދި އައިއޯސީއިން ބޭނުންހާ ގޮތަކަށް ތެލުގެ އަގަށް ބަދަލު ގެނައުމުގެ ފުރުސަތު ނުދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވެފައިވީ ނަމަވެސް، ތެލުގެ ވިޔަފާރިކުރާ ބައެއް ކުންފުނިތަކުން ބައެއް ޤައުމުތަކުގައި އެކަމުގެ ނާޖާއިޒް ފައިދާ ނަގައި، ތެޔޮ ވިއްކާ އަގު ބޮޑުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.