މަޖިލީހުގެ އިދާރާގައި ހިނގާދިޔަ އަލިފާނުގެ ހާދިސާތަކާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށް ފުލުުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، މަޖިލީހުގެ ހިނގާދިޔަ އަލިފާނުގެ ދެ ހާދިސާގެ ތަހުގީގު ގޮސްފައިވާ ހިސާބު ހާމަކުރެވެން ނެތް ކަމަށާއި އަދި އެ މައްސަލަތަކާ ގުޅޭ އެހެން އެއްވެސް މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށެވެ. މި ދެ މައްސަލަ ތަހުގީގު ކުރިއަށްދާ ކަމެއް ވެސް ނުވަތަ ނިމިފައިވާ ކަމެއްވެސް ފުލުހުން ހާމަކުރުމަށް ދެކޮޅު ހެދި އެވެ. ނަމަވެސް މައުލޫމާތު ހާމަނުކުރާ ސަބަބު މީޑިއާ އޮފިޝަލް ވިދާޅެއް ނުވި އެވެ.
މިިދިޔަ ސެޕްޓެމްބަރު މަހާއި ޖުލައި މަހުގައި މަޖިލީހުގެ އިދާރާގައި އަލިފާނުގެ ދެ ހާދިސާއެއް ހިނގާފައިވެ އެވެ. އެގޮތުން ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މުވައްޒަފުން ވުޟޫކުރާ ފާހާނާ ބަރި އާއި އެތަނާ އިއްވެގެން ހުރި މަޖިލީހުގެ ރައީސްގެ ކޮޓަރި ހުންނަ ސިޑި ސަރަހައްދަށްވެސް ވަނީ އަލިފާނުގެ އަސަރުކޮށްފަ އެވެ.
ޖުލައި މަހުގެ 31 ވަނަ ދުވަހު މަޖިލީހުގެ ފާހާނާއެއްގެ ތެރޭގައި ހުރި ޓިޝޫ އަޅާ އެއްޗެއްގައި ރޯވެފައިވެ އެވެ.
މިދެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް، ނުވަތަ ހާދިސާގެ ތަފްސީލެއް މަޖިލީހުގެ އިދާރާއިން ވެސް ހާމަކޮށްފައެއްނުވެ އެވެ. މަޖިލިހުގެ ސެކިއުރިޓީ ކަންކަން ބަލަހައްޓަމުންދަނީ އެމްއެންޑީއެފް އިން ނެވެ.
މަޖިލީހުގައި ހިނގާދިޔަ ދެ އަލިފާނުގެ ހާދިސާއާ ގުޅިގެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަޖިލީސް މެންބަރުން ދަނީ މަޖިލީހުގެ ޓިޝޫ ފޮއްޓެއްގައި ރޯކޮށްލުމުގެ ހާދިސާތަކަކީ ބަޔަކު ގަސްތުގާ ކުރި ކަމެއް ކަމަށާއި މަޖިލީސް ޖަލްސާތައް ނުބާއްވަން ޖެހި މަޅި އެއް ކަމަށް ތުހުމަތުކުރަމުންނެވެ.