އުތުރު ބަޣާވާތުގެ ދުވަސްވަރު، "ފައިސާގެ އެހީތެރިކަމާއެކީ މާލެ ކައްކުވާލައި"، ކުރީގެ ރައީސް އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އެ ބަޣާވާތް ނާކާމިޔާބު ކުރެއްވި ގޮތަށް ތަޢުރީފުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވާހަކަފުޅު ދައްކަވައިފިއެވެ.
ހޯމަ ދުވަހުގެރޭ މަލޭގެ އިސްރަސްވެހިންނާއި ބައްދަލުކުރައްވައި، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރަށް އަލިއަޅުއްވާލައްވައި، ރައީސް ޔާމީން ވިދާޅުވީ، އުތުރު ބަޣާވާތުގެ އޮޑިތަށް މަލޭ ބަނދަރަށް ވަނުމުން، އޭރުގެ ރައީސް، މުޙައްމަދު އަމީން އެކަމާއި މެދު ކަންކުރައްވާނެ ގޮތް އެނގިވަޑައިނުގެން ގޮތްހުސްވެވަޑައިގެން ކަމަށެވެ.
"އުތުރުގެ ބަޣާވާތުގަ، އެއްދުވަހަކު މާލޭ ފަޅުތެރެއަށް އައިސް ވަނީ އެތަކެއް ސަތޭކަ އޮޑިދޯނި ފަހަރު. ހުރިހާ ބޭފުޅުންގެ ވިސްނުން ހުއްޓުނު. އެއްގޮތަކަށްވެސް އެމީހުން ވާހަކަދައްކައިގެން ހައްލެއް ހޯދާކަށް ބޭނުމެއް ނުވި. އެއޮއް ވަރުގަދަ ކުޅަދާނަ މާލިމީ (ރައީސް މުޙައްމަދު އަމީން) އަށްވެސް ހަމަ ޖެހިވަޑައިގަތީ ފަސްޖެހެން. ދުނިޔޭގެ ތަޖުރިބާ، އިލްމީ ތަޖުރިބާ، އަދި ދިވެހިންގެ ތެރޭގަ އެ ޒަމާނުގަ ނޫފެދޭ ވަރުގެ ވަރުގަދަ ޝަޙުސިއްޔަތެއް މުޙައްމަދު އަމީނަކީ" ރައީސް ވިދާޅުވިއެވެ.
ފައިސާ ދީގެން ސިޔާސީ ކަންކަން ކުރުމަށް ހިތްވަރު ދެއްވާ ފަދައިން ދޭހަވާގޮތަށް ވާހަކަ ކުރިއަށްގެންދަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސް މުޙައްމަދު އަމީނަށް ގޮތްހުސްވެވަޑައިގަތުމުން، އެމަނިކުފާނުގެ ބައްޕާފުޅު، އަޙުމަދު ދޮށިމޭނާ ކިލެގެފާނު އެކަން ޙައްލުކުރެއްވީ ފައިސާގެ އެހީތެރިކަމާއެކީ، ހެންވޭރުން އެންމެ ބަސްހިނގާ، ވަރުގަދަ މީހުންގެ ވިސްނުން ބަދަލުކުރައްވައިގެން ކަމަށެވެ.
"މުޙައްމަދު އަމީނަށް ގޮތްހުސްވީމަ، މުޙައްމަދު އަމީނުގެ ބައްޕާފުޅު މި ވިދާޅުވަނީ ދަރިފުޅާއޭ، ފިރިހެނަކަށް ވާށޭ، ނޫނިއްޔާ އިހަށް ވިސްނަބަލާށޭ، މާލޭގެ އަވަށްތަކުން، ޚާއްސަކޮށް ހެންވޭރުން، އަތިރީގެ ހުންނަނީ ހެންވޭރުގަ ކަމުގަ ވާތީއާ އެކީ، ހެންވޭރުން އެންމެ ބަސްހިނގާ، ވަރުގަދަ މީހުންކޮޅެއް ގެންނެވި. ފައިސާގެ އެހީތެރިކަމާއެކީ އެމީހުންގެ ވިސްނުން ބަދަލުކޮށްލައްވާފަ، މި އައި އުތުރުގެ ބަޣާވާތާ ދެކޮޅަށް މުޅި މާލެ ކައްކުވާލާފަ، މާލޭގެ އެންމެން މި ބަޣާވާތަށް ޖާގަ ނުދޭން އަތިރިމައްޗަށް ނުކުތީ. މިއީ ތަޖުރިބާއިން ނަގައިދޭ ފިލާވަޅު" ރައީސް ޔާމީން ވިދާޅުވިއެވެ.
ހޯމަ ދުވަހުގެރޭ ރައީސްގެ ވާހަކަފުޅުގައި މިހާރު އިސްރަށްވެހިންނަށް ދިމާވެފައިވާ އެކި އެކި މައްސަލަތަކަށް ޙައްލެއް ލިބިދާފަދަ ވާހަކަތަކެއް އަޑުއިވިގެންދާނެ ކަމަށް އުއްމީދުކުރެވުނު ނަމަވެސް، އެމަނިކުފާނުގެ ވާހަކަފުޅު މައިގަނޑު ގޮތެއްގައި ބައްޓަން ކުރައްވާފައިވަނީ ޒުވާނުންނަށް އެކިއެކި ނަސޭހަތް ދެއްވުމަށާ، ކުރީގެ ބައެއް ރައީސުންނާއި، ސިޔާސީ ބޭފުޅުންނާއި، އަސްކަރިއްޔާގެ ބައެއް ބޭފުޅުންނަށް ޝުކުރު އަދާކުރެއްވުމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އެމަނިކުފާނުގެ ހިތްޕުޅުގައި މިއަދުގެ ރާއްޖޭގެ ސިޔާސީ މަސްރަހާއިމެދު އުފެދިފައިވާ ބައެއް ޝަކުވާތައް އިސްރައްވެހިންގެ ކުރިމަތީގައި ބަންޑުންކޮށްލައްވާފައެވެ.
މިއީ ރައީސް ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގަތްފަހުން މިގޮތަށް އިސްރަށްވެހިންނާއި ބައްދަލުކުރެއްވި ތިންވަނަ ފަހަރެވެ.