ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގައި މެންބަރުންނަށް ނުވަދެވޭ ގޮތަށް އުސް ކޮށިގަނޑެއް އަޅައިގެން ޖަލްސާ ބޭއްވުމުން ދޭހަވަނީ އެއްވެސް ތާއީދެއް ސަރުކާރަށް ނެތުމުން، ބާރުގެ ބޭނުން ކުރާކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީން ހޯމަ ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ ކޮށިގަނޑެއް އަޅައިގެން އޭގެ ނިވަލަށް ވަދެ އެންމެ 13 މިނެޓްގެ ޖަލްސާއެއް ރައްޔިތުންގެ މަޖިލީހުން ބޭއްވުމަކީ ޑިމޮކްރަސީގެ ހަމަޔާ އުސޫލާ ޚިލާފަ ކަމެއް ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހާއި މުޅި ރާއްޖެއަށްވެސް ލަދުވެތި ކަމެއް ކަމަށެވެ.
ޣަފޫރު ވިދާޅުވީ ރައްޔިތުންގެ ތާއީދާ ރައްޔިތުންގެ މަޖިލީހުގެ ތާއީދު ނެތުމުން ކަންކަން ކުރެވޭނެ ގޮތަކީ އެއީ ކަމަށާއި ހޯމަ ދުވަހު ބޭއްވި ޖަލްސާ ސިފަ ކުރައްވަނީ ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފް ހަޑި މުޑުދާރު ޢަމަލެއްގެ ގޮތުގައި ކަމަށެވެ.
"ޑިމޮކްރަސީއާ ޚިލާފް ހަޑިމުޑުދާރު ޢަމަލެއްގެ ގޮތުގައި އަޅުގަނޑު ސިފަ ކުރަނީ. އެއީ ރައްޔިތުންގެ ތާއީދު ނެތީމާ، ރައްޔިތުންގެ މަޖިލީހުގެ ތާއީދު ނެތީމާ ދެން ކަންކަން ކުރަން އޮންނަ ގޮތަށް އެކަންކަން ކުރަމުން އެގެންދަނީ. އެއީކީއެއް އަޅުގަނޑުމެން ބަލައިގަންނަ ކަމެއް ނޫން. އެތަން ވަށައިގެން ބިއްލޫރިވެސް ޖެހިދާނެ. އެހެން ކަންތައްވެސް ކުރެވިދާނެ. އެކަމަކީއެއް ޑިމޮކްރެޓިކް ވެއްޓެއްގައި ޤައުމުތަކުގައި ކަންކުރާ އުސޫލުން ކަންކޮށްފައި އޮތް ކަމެއް ނޫން އެއީކީ. އޭގެންވެސް ވަރަށް ބޮޑު އެއްޗެއް ދޭހަވަނީ. ދޭހަވާ އެއްޗަކީ ބާރު އެބަހުއްޓޭ ބާރުގެ ބޭނުންކޮށްގެން ތިމަންނާ މިގޮނޑީގައޭ އިންނާނީ" ޣަފޫރު ވިދާޅުވިއެވެ.
މަޖިލީހުގައި ކޮށިގަނޑު އަޅައިގެން ޖަލްސާ ބާއްވަން ޖެހޭ ހިސާބަށް ހާލަތު ގޮސްފައިވަނީ އިދިކޮޅު ފަރާތްތަކުގެ ސަބަބުން ކަމަށް ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ބުނާ ބުނުމަށް ރައްދު ދެއްވާ މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިތުރުން ނިމިދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރެއްވި ޣަފޫރު ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީއަށްވުރެ ގިނަ މެންބަރުންގެ ސޮޔާއެކު ބުނެފައި އެވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ކަމަށާއި އެހެން ބުނުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހަކީ މިހާރު މަޖީލީހުގެ ރައީސް ކަމަށް ބަލައިގަނެވޭނެ ޤާނޫނީ ހަމައެއް ނޯންނާނެ ކަމަށެވެ. އަދި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް ބޭއްވޭނެ އިތުރު ޖަލްސާއެއް ނޯންނާނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ.