ސިވިލް ސާރވިސް ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަޤާމަށް ބޭފުޅަކު އައްޔަނުކުރުން މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
އޭގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނަށް ނައިބު ރައީސެއް އައްޔަންކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ނަންފުޅާ ގުޅޭ ގޮތުން ނިންމުމުގެ މައްސަލާގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ނިންމެވި ގޮތުގެ ރިޕޯޓާ މެދު ގޮތެއް ނިންމުން ވެސް ވަނީ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފަ އެވެ. ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސަކު އައްޔަނުކުރުމުގެ މައްސަލަ އެޖެންޑާކޮށްފައިވާއިރު، އެންމެ ފަހުން އެ ކޮމިޝަންގެ ނައިބު ރައީސް މަޤާމުގައި ހުންނެވީ ޝިފާޤް މުފީދު އެވެ. އޭނާ މަޤާމުން އިސްތިއުފާ ދެއްވައި، ވަނީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ބަދަލުވެވަޑައިގެންފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި މަސީހު އިންނަވައިގެން ޖަލްސާތައް ކުރިއަށްގެންދިއުމަށް އިދިކޮޅު މެމްބަރުން ފުރުސަތު ނުދޭއިރު، ހޯމަ ދުވަހުގެ ޖަލްސާވެސް ކުރިއަށްގެންދެވިފައި ވަނީ އެންމެ 13 މިނެޓަށެވެ. ރިޔާސަތުގެ މޭޒުކޮޅާއި އިދާރީ މޭޒު ހުންނަ ދިމާ އުސްކޮށް، ލަކުޑި "ފާރެއް" ހެދުމަށް ފަހު ބޭއްވި މި ޖަލްސާގައި، އިދިކޮޅު މެމްބަރުންގެ ހަޅޭކުގެ ތެރޭގައި ރައީސް އަބްދުﷲ މަސީހު ނިންމަވާލެއްވީ މަޖިލިހުގެ ގަވާއިދަށް ގެނައި އެންމެ އިސްލާހެއް ފާސްކުރެއްވުމަށް ފަހު އެވެ.