ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން ފިޔަވަޅު އަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު ގޮތެއް ކަނޑައަޅައިދެއްވުމަށް އެދި ފާރިސްގެ ފަރާތުން ޤާނޫނީ ވަކީލުން ހަތް ވަނަ ފަހަރަށް ސުޕްރީމް ކޯޓުގައި ދަންނަވައި ސިޓީ ފޮނުވައިފި އެވެ.
ފާރީސްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައަޅާފައި ވަނީ އެ ކޯޓުގެ ހުކުމަކާ ހިލާފަށް ހައި ކޯޓުގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗު ބަދަލުކުރެއްވި މައްސަލައެކެވެ. ފާރިސްގެ ގާނޫނީ ވަކީލުން ވިދާޅުވަމުން ގެންދަވަނީ، ބެންޗަށް ބަދަލު ގެނެސްފައި ވަނީ މީގެ ކުރިން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަކާ ޚިލާފަށް ކަމަށާއި ސުޕްރީމް ކޯޓުން ކުރާ ހުކުމްތަކުގައި ކަނޑައަޅާ އިޖުރާއަތްތަކަށް ދަށު ކޯޓުތަކުން ތަބާވާން ޖެހޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ބެލެނެވެރިކަމުގެ އިހުތިސާސްގެ މައްސަލައެއްގެ ގޮތުގައި ބެންޗަށް ބަދަލުގެނައި މައްސަލަ ހުށައެޅިތާ 42 ދުވަހަށް ވުރެ ގިނަ ދުވަސްވެގެން ގޮސްފައިވާއިރު، ހޯމް ދުވަހު ވެސް ޤާނޫނީ ވަކީލުން ވަނީ އެ މައްސަލާގައި ގޮތެއް ނިންމުން އަވަސްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވާފަ އެވެ. މިއީ ޤާނޫނީ ވަކީލުން މިގޮތަށް ފޮނުވި ހަތް ވަނަ ސިޓީ އެވެ. މީގެ ކުރިން ވެސް ވަނީ ހަ ސިޓީއެއް ސުޕްރީމް ކޯޓަށް ފޮނުވާފަ އެވެ. ނަމަވެސް އެއިން އެއްވެސް ސިޓީއަކަށް ވެސް ސުޕްރީމްކޯޓުން ޖަވާބުދެއްވާފައެއް ނުވެއެވެ.
We ask the Supreme Court to urgently hold meeting of Judges' Council & expedite decision on case lodged by @afarismaumoon 42 days ago pic.twitter.com/MNTsvrjk0U
— Maumoon Hameed (@maanhameed) October 9, 2017
ފާރިސްގެ ފަރާތުން މައުމޫން ހަމީދު އުއްތަމަ ފަނޑިޔާރަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ސުޕްރީމް ކޯޓުން 2012 ވަނަ އަހަރު ނިންމަވާފައިވާ ނިންމެވުމަކާ ކަނޑައެޅިގެން ޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު އަމަލު ކުރައްވާފައިވާކަން ހާމަކަން ބޮޑު ގޮތެއްގައި ފެންނަން އޮތް ކަމަށެވެ. ނަމަވެސް އެކަމާއި ސުޕްރީމް ކޯޓުން ފިޔަވަޅެއް އަޅާފައި ނުވުމަކީ، ފާރިސްގެ މައްސަލަތަކުގައި، ޤާނޫނު އަސާސީ އާއި، ޤާނޫނުތަކާއި، ޚުދު ސުޕްރީމް ކޯޓުގެ ނިންމުންތަކާ ވެސް ކަނޑައެޅިގެން ޚިލާފަށް އަމަލުކުރެއްވުމަށް ދަށު މަރުހަލާގެ ކޯޓުތަކަށް ލިބިދެވޭ ހުއްދައެއްގެ ގޮތުގައި ސިފަކުރެވުމުގެ ބިރު ބޮޑު ކަމަށާއި، މިފަދަ ގޮތަކަށް އެކަން ސިފަކުރެވިގެން ދިއުމަކީ، ޤާނޫނުގެ ސިޔާދަތަށް ނުހަނު ނުރައްކާތެރި ކަމެއް ކަމަށް ވިދާޅުވެފައި ވެއެވެ.
ފާރިސް ހައްޔަރުކުރުމަށް ނެރުނު އަމުރުގެ ދަށުން، ޖުލައި 18 ވަނަ ދުވަހު އޭނާ ހައްޔަރުކުރުމަށް ފަހު، ބަންދާ މެދު ގޮތެއް ނިންމުމަށް ޖުލައި 19 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށް ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ފާރިސް ބަންދުކޮށްފައި ވަނީ މާފުށީ ޖަލުގައެވެ.
ފާރިސް ހައްޔަރުކުރަން ނެރުނު އަމުރާއި ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، އެ މައްސަލަ ކުރިން ބައްލަވަމުން ގެންދެވީ، ހައިކޯޓުގެ އިސްފަނޑިޔާރު އަބްދުﷲ ދީދީ އާއި، ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު ޢަބްދުލް ރައޫފް އިބްރާހީމް އެވެ. އެހެން ނަމަވެސް، ހުކުމް އިއްވުމާ ހަމައަށް ގޮސްފައިވަނިކޮށް ފަނޑިޔާރު ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗަށް މިހާރު ވަނީ ބަދަލު ގެނެސްފަ އެވެ. ފަނޑިޔާރު ސަމީރު ބޭރުކޮށް، ފަނޑިޔާރު ޝުޖާއު އުސްމާން ވަނީ ބެންޗުގެ ރިޔާސަތަށް ހަމަޖައްސަވާފަ އެވެ.