ޕީޖީ އައިޝަތު ބިޝާާމްގެ ކާރުކޮޅުގައި ރޯކޮށްލި މައްސަލަ ތަހުގީގު ކުރުމަށް ހާއްސަ ތަހުގީގު ޓީމެއް އެކުލަވާލައި ސީރިއަސް މައްސައެއްގެ ގޮތުގައި އެ މައްސަލަ ބަލަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފި އެވެ.
ފުލުހުން ބުނީ، ޕްރޮސެކިއުޓަރ ޖެނެރަލް އަކީ ޖިނާއީ އެންމެހާ ކުށްތަކުގެ ދައުވާ އުފުލުގެ މުތުލަގު ބާރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީންނާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ ގާނޫނުން ލިބިފައިވާ ފަރާތް ކަމަށެވެ. ޕީޖީ އަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ އެންމެ މުހިއްމު އެއް ފަރާތަށްވާއިރު ރޭގެ ވަގުތެއްގައި ޕީޖީ ބޭނުން ކުރައްވާ، ކާރު ކޮޅުގައި އަލިފާން ރޯކޮށްލުމުގެ މި އަމަލަކީ، ޖިނާއީ އަދުލުގެ ނިޒާމު ބަލި ކަށި ކުރުމަށް ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެ އެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމާއި މެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު، ތަސައްވުރެއް އުފެއްދުމަށްޓަކައި ކުރިމަތި ކުރުވި ނުރައްކާތެރި ހަމަލާއެއް ކަމަށް ފުލުހުން ބުނެ އެވެ.
މި އަމަލު ހިންގުމުގައި ބައިވެރިވި ފަރާތްތައް ހޯދައި އެފަރާތްތަކުގެ މައްޗަށް ހިންގަންޖެހޭ ތަހުގީގުތައް ހިންގައި، ޝަރީއަތްތައް ހުށަހަޅާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭ ކަމަށް ފުލުހުން ބުނެ އެވެ.
އަދި މުޖުތަމައުގެ ތެރޭގައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ހިންގާ މިފަދަ އަމަލުތައް ހުއްޓުވުމަށް ފުލުހުންނަށް ލިބިފައިވާ އެންމެހާ ގާނޫނީ ބާރާއި ވަސީލަތްތައް އޭގެ އެންމެ މަތީ ދަރަޖައަށް ބޭނުން ކުރާނެ ކަމަށް ފުލުހުން ބުނެ އެވެ.
އާދީއްތަ ދުވަހުގެ ރޭ މެންދަމު ގާތްގަނޑަކަށް 03:03 ހާއިރު ހިނގި މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބުމާ އެކު އެ ސަރަހައްދަށް ގޮސް ކާރުގައި ރޯވެފައި ހުރި އަލިފާންގަނޑު ނިއްވާލި އެވެ. ކާރުގައި ރޯވެފައި ހުރި އަލިފާންގަނޑު ނިއްވާލީ 03:13 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އަލިފާން ރޯކޮށްލުމާ ގުޅިގެން ޕީޖީ ބިޝާމްގެ ކާރުކޮޅު ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފަ އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ޕީޖީ ބިސާމްގެ ކާރުކޮޅު ޖަނަވަރީ މަގުގައި ޕާކުކޮށްފައި ބޭއްވީ، ރަސްމީ ޕާކިން ޒޯންގައި އެހެން ވެހިކަލެއް ޕާކްކޮށްފައި އޮތުމުން ކަމަށެވެ. އަދި ޕީޖީ އޮފީސް ކުރިމަތީގައި ވެސް ޕާކުކޮށްފައި ނުބޭއްވުނީ މަޖީދީ މަގު ހަދަމުންދާތީ ކަމަށް އޭނާ ވިދާޅުވި އެވެ.