އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އަންނަ އަހަރުގެ ބަޖެޓް އެ އޮފީހުން ހުށަހެޅި ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސް ކޮށްފި އެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި އޮޑިޓް އޮފީހަށް އަންނަ 2018 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ކަމަށްވާ 50،599،995.00ރ، އެ އޮފީހުން ހުށަހަޅާފައިވާ ގޮތަށް ފާސްކޮށްފައި ވަނީ އެކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުގެ އިއްތިފާގުން ނެވެ. އޮޑިޓް އޮފީހުގެ އެ ބަޖެޓަށް ސަރުކާރަށް ނިސްބަތް މެމްބަރުންނާއި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ވެސް ދެ ކޮޅަށް ވާހަކަ ދައްކަވާފައެއް ނުވެއެެވެ.
ހިނގަމުންދާ 2017 ވަނަ އަހަރު އޮޑިޓް އޮފީހަށް 45 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އިތުރަށް ދެ މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އެހެންކަމުން އަންނަ އަހަރަށް ލަފާކުރާ އޮޑިޓް އޮފީހުގެ ބަޖެޓްގައި އިތުރުވެފައި ވަނީ ތިން މިލިއަން ރުފިޔާ އެވެ.
އޮޑިޓް އޮފީހުގެ ބަޖެޓާ ގުޅިގެން މައިގަނޑު ގޮތެއްގައި މެމްބަރުންވެސް ވިދާޅުވީ އަހަރުން އަހަރަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުވަމުންދާއިރު، އޮޑިޓް އޮފީހުގެ ބަޖެޓްގައި ކަންބޮޑުވާކަމެއް ނެތް ކަމަށެވެ. މިއަހަރުގެ ބަޖެޓާއި އަޅާބަލާއިރު އަންނަ އަހަރަށް ބޮޑުވެފައިވަނީ މުވައްޒަފުންގެ މުސާރައާއި ދަތުރުފަތު ކުރުމުގެ ޚަރަދު އެކަނި ކަމަށްވެސް މެމްބަރުން ވިދާޅުވި އެވެ.
މީގެއިތުރުން މެމްބަރުން ވިދާޅުވީ އޮޑިޓް އޮފީހުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފައިވާކަން ވެސް ފާހަގަ ކުރެވޭ ކަމަށެވެ.
އޮޑިޓް އޮފީހުން މިހާތަނަށް 627 އޮޑިޓް ރިޕޯޓެއް ނިންމާފައިވާއިރު، މިއަހަރުގެ މިހާތަނަށް 78 އޮޑިޓް ރިޕޯޓް ނިންމާފައިވެ އެވެ.
އޮޑިޓް އޮފީހަކީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ޖަވާބުދާރީވާންޖެހޭ ކޮމެޓީ އެކެވެ. އަދި އޮޑިޓް އޮފީހުން ނިންމާ ރިޕޯޓްތައް މާލިއްޔަތު ކޮމެޓީއަށް ހުށަހަޅަން ޖެހެއެވެ. އަދި އޮޑިޓް ރިޕޯޓް ތަކުގައިވާ ކަންކަން ތަންފީޒު ކުރުމަކީ މާލިއްޔަތު ކޮމެޓީއާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކުރަންޖެހޭ ކަމެކެވެ.
މީގެ އިތުރުން އޮޑިޓް އޮފީހުގެ ބަޖެޓް ދިރާސާ ކުރުމާއި ފާސްކުރުމަކީ ވެސް މާލިއްޔަތު ކޮމެޓީން ނިންމަންޖެހޭ ކަމެކެވެ.
މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ނުވަތަ ފަހު ދައުރުގެ ޖަލްސާތައް ހޯމަ ދުވަހު ފަށާފައިވާއިރު، މި ދައުރުގައި މައިގަނޑު ގޮތެއްގައި އޮންނާނީ ވެސް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރުމާއި، ފާސްކުރުމުގެ މަސައްކަތެވެ.
އާއްމު އުސޫލުން ބަޖެޓް ދިރާސާ ކުރަނީ މާލިއްޔަތު ކޮމެޓީއާއި އިގްތިސާދީ ކޮމެޓީ އެއްކޮށްލައިގެން އުފައްދާ ބަޖެޓް ކޮމެޓީން ނެވެ.
މަޖިލީހަށް ބަޖެޓް ހުށަހަޅުއްވާނީ ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރެވެ.