ލ. މާބައިދޫގައި ތެޔޮ ރައްކާކުރާ ގުދަނަކާއި، އެ ގުދަނާ ޖެހިގެން ހުރި ރީޓެއިލް ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާގެ ހާލު ރަނގަޅު ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މާބައިދޫ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ޝަރީފް ވިދާޅުވީ އަލިފާނުގެ ހާދިސާގައި ފިހުނު މީހާ އަށް މައިބައިދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ. އޭނާގެ ފައި ފިހިފައި ހުރި ނަމަވެސް ސީރިއަސް ގެއްލުންތަކެއް ލިބިފައި ނުވާ ކަމަށް ކައުންސިލުން ބުންޏެވެ.
މި ހާދިސާގައި އިތުރު މީހަކަށް ގެއްލުން ލިބިފައި ނުވެއެވެ. އެހެން ނަމަވެސް އަލިފާން ރޯވި ބާރަބާރަ ފިހާރައިގެ ވެރިޔާ މުހައްމަދު މަސީހު ބުނީ މުޅި ފިހާރަ އެއްކޮށް އަނދައި ހުލިވެފައިވާ ކަމަށާއި ގާތްގަނޑަކަށް ފަސް ލައްކަ ރުފިޔާގެ ގެއްލުންވި ކަމަށެވެ.
އެގޮތުން ފުލުހުން މިހާރު ދަނީ ލިބިފައިވާ ގެއްލުމުގެ މައުލޫމާތު ހޯދަމުންނެވެ. އަދި އެކަންކަމަށް ކައުންސިލްގެ ފަރާތުން ފޯރު ކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ކައުންސިލްގެ ނައިބް ރައީސް ޝަރީފް ވިދާޅުވިއެވެ.
އާބާދީގައި 1،100 އެއްހާ މީހުން ދިރިއުޅޭ މާބައިދޫގައި ހުންނަ "ގެރެންޓީ ފިއުލް" ގައި އަލިފާންރޯވީ އާދިއްތަ ދުވަހު 11:30 ހާއިރު އެވެ. މި ތެޔޮ ގުދަނުގައި ރޯވި އަލިފާންގަނޑު ޖެހިގެން ހުރި، "ބާރަބާރަ" ފިހާރައިގައި ވެސް ހިފައި އެ ފިހާރަ ވެސް ވަނީ އެއްކޮށް އަނދައި ހުލިވެފައެވެ. .