ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) އާއިޝަތު ބިޝާމް މާސްޓާރސް ހެއްދެވުމަށް ދައުލަތުން ކޮށްފައިވާ ޚަރަދު ހޯދުމަށާއި އެމައްސަލަ ބަލައި ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ޑޮކިއުމެންޓްސްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ބުނެފި އެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބިޝާމާ ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލަ ކުރިއަށް ގެންދިއުމަށް ބޭނުން ވާ ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ސެޕްޓެމްބަރު 5 ވަނަ ދުވަހު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ބަންޑާރަނައިބު އޮފީހުގެ އިސް މަގާމެއްގައި ބިޝާމް ހުންނަވަނިކޮށް، 2010 ވަނަ އަހަރުގެ ކުރީކޮޅު ސަރުކާރުގެ ޚަރަދުގައި އެ އޮފީހުގެ ފަރާތުން ބިޝާމަށް މާސްޓާރސް ޑިގްރީއަކަށް ކިޔެވުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.
އެ ކޯސް ފުރިހަމަ ކުރުމަށްޓަކައި ބަންޑާރަ ނައިބު އޮފީހުން މުސާރަ ލިބޭ ގޮތަށް އެއް އަހަރު ދުވަހުގެ ޗުއްޓީއެއްގައި ނިއުޒިލޭންޑަށް ވަޑައިގެންނެވި ކަމަށް މައްސަލައިގައި ބުނެފައިވެއެވެ. ކޯހުގެ މުއްދަތަކީ އެއް އަހަރު ދުވަސް ކަމަށާއި، އެޓާރނީ ޖެނަރަލްގެ އޮފީހާއި ބިޝާމްއާއެކު ބޮންޑު އެއްބަސްވުމެއްގައި ސޮއި ކުރެވިފައިވާ ކަަމަށްވެސް ބުނެފައިވެއެވެ.
އެއްބަސްވުމުގެ ދަށުން އެއް އަހަރު ދުވަހުގެ ތެރޭގައި ކޯސް ފުރިހަމަކޮށް، އޮފީހުގެ ޚިދުމަތަށް ނުކުންނަވަން ޖެހޭ ކަމަށް ބަޔާން ކޮށްފައިވާއިރު، ކޯސް ފުރިހަމަ ކޮށްފައިނުވާނަމަ، އެ ކޯހަށް ދިޔަ ޚަރަދު ދައުލަތަށް އަނބުރާ ދައްކަންޖެހެ އެވެ. އަދި ކޯސް ފުރިހަމަ ކުރިކަމަށް ބެލެވޭނީ ކޯހުގެ ސެޓްފިކެޓް އެ އޮފީހަށް ހުށަހެޅުމުންނެވެ.
މަހުލޫފް ހުށަހެޅުއްވި މައްސަލައިގަިއ ބުނެފައިވަނީ މާސްޓަރސް ކޯހުގެ ސެޓްފިކެޓް ބަންޑާރަނައިބު އޮފީހަށް ބިޝާމް ހުށަހަޅުއްވާފައި ނުވާއިރު، އެ އޮފީހުން ތަކުރާރުކޮށް، އެ ސެޓްފިކެޓް ހުށަހެޅުމަށް ބިޝާމަށް އެންގުމުން ވެސް ހުށަހަޅުއްވައިފައި ނުވާކަމަށެވެ. އަދި ބިޝާމް އޭރު ހުންނެވީ އެ އޮފީހުގެ އިސް މަގާމެއްގައި ކަމަށްވާތީ މަގާމުގެ ނުފޫޒު ވެސް ބޭނުން ކުރައްވައިފައިވާ ކަމަށް ވެސް މަހްލޫފް ވިދާޅުވެފައިވެއެވެ.
މަހުލޫފް ވިދާޅުވެފައިވަނީ 2011 ވަނަ އަހަރުން ފެށިގެން ބިޝާމް އެކިއެކި މަގާމުތަކަށް ކުރިމަތިލެއްވުމުގެ ގޮތުން ހުށަހަޅުއްވައިފައިވާ ސީވީ ތަކުގައިވެސް މާސްޓާރސް ޑިގްރީ ހައްދަވާފައިވާކަން ނުވަތަ މާސްޓަރސް ޑިގްރީގެ ސެޓްފިކެޓް ހިމަނުއްވާފައި ނުވަނީ އެ ކޯސް ފުރިހަމަ ނުކުރައްވާތީ ކަމަށް ބެލެވޭ ކަމަށެވެ.
އެއިރު ބިޝާމަކީ އެޓާރނީ ޖެނަރަލްގެ އޮފީހުގެ އިސް މަގާމެއްގައި ހުރި ފަރާތެއް ކަމަށް ވާއިރު، އެ އޮފީހުގެ ފަރާތުން އެމައްސަލަ ބަލާފައިނުވާ ކަމަށް ވެސް ސިޓީގައި ވިދާޅުވެފައިވެއެވެ. އަދި އެކަމަކީ ބިޝާމް މަގާމުގެ ނުފޫޒު ފޯރުއްވައިގެން ކުރައްވައިފައިވާ ކަމެއް ކަމަށްވާތީ، ގާނޫނާއި ގަވާއިދާ އެއްގޮތަށް މިމައްސަލަ ބަލައި، ބިޝާމްގެ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށްޓަކައި ގާނޫނީ ގޮތުން އަޅުންޖެހޭ ފިޔަވަޅުތައް އަޅައި ދިނުމަށް މަހުލޫފް އެދިވަޑައިގަންނަވާފައިވެއެވެ.
މިކަމާ ގުޅޭ މިއަދާ ހަމައަށް ވެސް ބިޝާމް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. އަދި ބިޝާމްގެ ބަހެއް ހޯދަން ކުރި މަސައްކަތްތައް ވެސް ކާމިޔާބުވާގޮތް ވަނީ ނުވެފަ އެވެ.