ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިންގ އޮފިޝަރ (ސީއޯއޯ) ހުސައިން ފިޔާޒު މޫސާގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް އިސްތިއުނާފް ކުރުމާ މެދު ގޮތެއް ނިންމާނީ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ލިބުމުން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ފިޔާޒުގެ މައްޗަށް ދައުލަތުން ކުރި އަތްލުމުގެ ކުށުގެ ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޯގަސްޓް 27 ވަނަ ދުވަހު އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ކްރިމިނަލް ކޯޓުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓް މިހާތަނަށް ދީފައިނުވާ ކަމަށެވެ. އަދި ހައިކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމާ މެދު ގޮތެއް ނިންމާނީ ރިޕޯޓް ލިބުމުން ދިރާސާ ކުރުމަށް ފަހު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ފިޔާޒަށް ހުކުމް ކުރިތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ރިޕޯޓް ދީފައިނުވަނީ ކީއްވެކަން ސާފުވާގޮތް ވަނީ ނުވެފަ އެވެ. މިކަމާ ގުޅޭ ގޮތުން ކޯޓުގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބުވާގޮތް ވަނީ ނުވެފަ އެވެ.
އާންމު ގޮތެއްގައި އެންމެ ލަސްވެގެން މައްސަލައެއް ނިންމާތާ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ކޯޓުން ދެ އެވެ.
ފިޔާޒުގެ މައްޗަށް އަތްލުމުގެ ކުށުގެ ދައުވާ ކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ މުލިއާގެ ކައިރިން ފެނުނު އައިޑީ ނައްތާލަން ސްޓޭޑިއަމް ސަރަހައްދުގައި ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް ފުލުހެއްގެ މޭ މަތީގައި އޭނާ ޖަހާފައިވާ ކަމަށް ބުނެއެވެ.
ފިޔާޒުގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށޤ ހުކުމް ކުރެއްވީ ކްރިމިނަލް ކޯޓް ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެހުންނެވި ގާޒީ އާދަމް އާރިފް އެވެ.