އާދިއްތަ ދުވަހުގެ ރޭ ޖަނަވަރީ މަގުގައި ރޯކޮށްލި ކާރަކީ ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމްގެ ކާރުކޮޅުކަމަށް، އެ އޮފީހުން ބުނެފި އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ޕީޖީ ބިޝާމްގެ ކާރުކޮޅު ޖަނަވަރީ މަގުގައި ޕާކުކޮށްފައި ބޭއްވީ، ރަސްމީ ޕާކިން ޒޯންގައި އެހެން ވެހިކަލެއް ޕާކްކޮށްފައި އޮތުމުން ކަމަށެވެ. އަދި ޕީޖީ އޮފީސް ކުރިމަތީގައި ވެސް ޕާކުކޮށްފައި ނުބޭއްވުނީ މަޖީދީ މަގު ހަދަމުންދާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި އާދީއްތަ ދުވަހުގެ ރޭ ވެސް ޕީޖީ ބިޝާމް ކާރުކޮޅު ބޭނުންކުރެއްވި އެވެ.
"ޑްރައިވަރު ކާރު ގެންގޮސް ޕާކްކުރީ ޕީޖީ ދަތުރުތަކެއް ކުރެއްވުމަށް ފަހު،" އޮފިޝަލް ވިދާޅުވި އެވެ.
އާދީއްތަ ދުވަހުގެ ރޭ މެންދަމު ގާތްގަނޑަކަށް 03:03 ހާއިރު ހިނގި މި ހާދިސާގެ މައުލުމާތު އެމްއެންޑީއެފް ލިބުމާ އެކު އެ ސަރަހައްދަށް ގޮސް ކާރުގައި ރޯވެފައި ހުރި އަލިފާންގަނޑު ނިއްވާލި އެވެ. ކާރުގައި ރޯވެފައި ހުރި އަލިފާންގަނޑު ނިއްވާލީ 03:13 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އަލިފާން ރޯކޮށްލުމާ ގުޅިގެން ޕީޖީ ބިޝާމްގެ ކާރުކޮޅު ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދައިފަ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހްގީގުކުރަމުންނެވެ.