ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި އިދިކޮޅު މެންބަރުން އިހްތިޖާޖު ކޮށްފި އެވެ.
މަޖިލީހުގެ ޖަލްސާ ހެނދުނު 09:00 ގައި ފަށާފައިވާ އިރު، ގާތްގަނޑަކަށް 15 މިނެޓުގެ ތެރޭގައި ޖަލްސާ ނިންމަވާލައްވާފައިވެ އެވެ.
ޖަލްސާއަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަދެވަޑައިގަތުމުގެ ކުރިން މެންބަރުންގެ މާލަމަށް މިއަދު ވެންނެވުން މަނާކުރި އެެވެ. މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިން މިގޮތަށް އަމުރު ކޮށްފައިވާ އިރު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ޖަލްސާގައި އިންނަވާ ސަރަހައްދު އުސްކޮށް، ފަސް ފޫޓް ވަރުގެ ލަކުޑި ކޮށިގަނެއް ހަދާފައިވެ އެވެ.
މިކަމާ ގުޅިގެންވެސް މަޖިލީހުގެ މެންބަރުން ވަނީ މިއަދުގެ ޖަލްސާގައި ވަރަށް ބޮޑަށް ފާޑުވިދާޅުވެ އަޑު އުފުލާފަ އެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުން މަޖިލީހުގެ ޖަލްސާގެ ތެރޭގައި ހިތްހަމަނުޖެހުން ފާޅުކުރި އިރު އެ މެންބަރުން ދިޔައީ މަޖިިލީހުގެ ރައީސްގެ މަގާމުގައި މަސީހަށް ނުއިންނެވޭނެ ކަމަށް ގޮވާލަމުންނެވެ. އަދި އެގޮނޑިން ފައިބައިވަޑައިގަތުމަށް އެ މެންބަރުން ގޮވާލެއްވި އެވެ.
މަޖިލީހުގެ ޖަލްސާގައި މެންބަރުން އަޑުގަދަ ކުރައްވަމުންދަނިކޮށް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރެވުނު މަޖިލީހުގެ ގަވާއިދުގެ 207 ވަނަ މާއްދާ އިސްލާހު ކުރެއްވުމަށް މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ އިސްލާހު އާންމު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވި އެވެ.
މަޖިލީހުގެ ގަވައިދުގެ 207 ވަނަ މާއްދާއަކީ ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާއި ގާނޫނު ހަދާ މަޖިލިސްތަކާ ގުޅުން ގާއިމު ކުރުމާ ގުޅޭ މާއްދާ އެވެ.
އެ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވުމަށް ފަހު މެންބަރުންގެ ވޯޓު ނަގާފައިވެ އެވެ. އެގޮތުން ވޯޓުގައި ބައިވެރިވެވަޑައިގެންފައި ވަނީ 28 މެންބަރުންނެވެ. އަދި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން މި އިސްލާހު ފާސްކޮށްފައިވެ އެވެ. މަޖިލީހުގެ މިއަދުގެ ހާޒިރީ އަކީ 50 މެންބަރުންނެވެ.
މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެމްބަރަކު ހުށަހެޅި މައްސަލަ ބޭރުކޮށްލި ނަމަވެސް، މަސީހުގެ އިތުބާރެއް ނެތް ކަމަށާއި އޭނާއަކީ މަޖިލީހުގެ ރައީސްގެ ގޮތުގައި ބަލައި ނުގަންނާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދިޔައީ ބުނަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މިއަދު ފަށާއިރު، މަޖިލީހުގެ އިދާރާގެ ތެރޭގައި ގިނަ އަދަދެއްގެ ސިފައިން މިހާރު ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މަޖިލީހުގެ އިމާރާތުގެ ތެރެ އާއި ގޯތިތެރޭގައި ސީސީޓީވީ ހަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.