މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ޖަލްސާ ކުރާ މާލަށް ވަދެވަޑައިގަތުމުގެ ކުރިން، މަޖިލީހުގެ މެމްބަރުން މާލަމަށް ވެންނެވުން މަނާކޮށްފި އެވެ.
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ވިދާޅުވީ މަސީހް މަޖިލީހަށް ވަދެވަޑައިގަތުމުގެ ކުރިން އެއްވެސް މެމްބަރަކަށް މާލަމަށް ނުވަދެވޭނެ ކަމަށް ސިފައިން އެންގި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުބާރު ގެއްލިފައިވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިންނަވާ ސަރަހައްދު އުސްކޮށް، ފަސް ފޫޓް ވަރުގެ ލަކުޑި ކޮށިގަނޑެއް މިހާރު ވަނީ ޖަހައިފަ އެވެ.
މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެމްބަރަކު ހުށަހެޅި މައްސަލަ ބޭރުކޮށްލި ނަމަވެސް، މަސީހުގެ އިތުބާރެއް ނެތް ކަމަށާއި އޭނާއަކީ މަޖިލީހުގެ ރައީސްގެ ގޮތުގައި ބަލައި ނުގަންނާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މިއަދު ފަށާއިރު، މަޖިލީހުގެ އިދާރާގެ ތެރޭގައި ގިނަ އަދަދެއްގެ ސިފައިން މިހާރު ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މަޖިލީހުގެ އިމާރާތުގެ ތެރެ އާއި ގޯތިތެރޭގައި ސީސީޓީވީ ހަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.