ބްރޮޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ ޖޫރިމަނާ ކުރި މައްސަލަ ކޯޓަށް ވައްދާނެ ކަމަށް ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރ (ސީއޯއޯ) ހުސައިން ފިޔާޒު މޫސާ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީ ޖޫރިމަނާ ކުރުމުން އާދީއްތަ ދުވަހުގެ ރޭ ރާއްޖެޓީވީގެ 60 މިނެޓް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފިޔާޒު ވިދާޅުވީ ރާއްޖެޓީވީ ޖޫރިމަނާ ކޮށްފައިވަނީ ގާނޫނުތަކާއި ގަވާއިދުތަކާއި ޚިލާފަށް ކަމަށެވެ.
"ބްރޮޑްކާސްޓިން ކޮމިޝަނުގެ މެމްބަރުން އަމަލުކުރަން ކަނޑައަޅާފައިވާ އުސޫލުތަކާއި އަދި އަބުރުގެ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ޚިލާފަށް އަޅުގަނޑުމެން 5 ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައި މިވަނީ. އަޅުގަނޑަށް ސިފަ މި ކުރެވެނީ މިނިކާވަގު ބަކަރި ކާލާ އުސޫލުން ޖޫރިމަނާ ކުރި ކުރުމެއްކަމަށް. އެހެންވީމަ މިއީ އެއްވެސް އިންސާފެއް ނެތް ޖޫރިމަނާ އެއް މީ،" ފިޔާޒު ވިދާޅުވިއެވެ.
ފިޔާޒު ވިދާޅުވީ ފައިސާ ހުށަހަޅަން އޮތް 30 ދުވަހުގެ ތެރޭގައި މައްސަލަ ކޯޓަށް ވައްދާ ބޮރޮޑްކާސްޓިން ކޮމިޝަނުގެ މެމްބަރުން ގާނޫނާއި ގަވާއިދުތަކާއި ޚިލާފު ވެފައިވާތީ ވަކިވަކިން ދައުވާ ކުރެވެން އޮތްތޯބަލައި އެދައުވާ ވެސް ކުރައްވާނެ ކަމަށެވެ.
ފިޔާޒު ވިދާޅުވީ ތިމަރަފުށީގެ މެމްބަރު މުހައްމަދު މުސްތަފާ ރާއްޖެޓީވީގައި ދެއްކެވި ވާހަކައާއި ބްރޮޑްކާސްޓިން ކޮމިޝަނުން ލިޔެތައްޔާރުކޮށް ފޮނުވައިފައިވާ ލިޔުމުގައި މުސްތަފާ ދެއްކެވި ކަމަށް ބުނާ ވާހަތައް ދިމާނުވާ ކަމަށެވެ. އެހެން ކަމުން ބޮރޮޑްކާސްޓިން ކަމިޝަނަށް ފޮނުވި ސިޓީގައި އެއީ ރާއްޖެޓީވީން ޖަވާބުދާރީ ވާން ޖެހޭ މައްސަލައެއް ނޫން ކަމަށް ސިޓީއަކުން ދަންނަވާފައިވާނެ ކަމަށް ފިޔާޒު ވިދާޅުވިއެވެ. އެހެން ނަމަވެސް އެއަށް ބެލުމެއް ނެތި އަދި ޖަވާބުދާރީވާން ރާއްޖެޓީވީއަށް ފުރުސަތު ދިނުމެއް ނެތި ޖޫރިމަނާ ކުރަން ނިންމާފައިވާކަމަށް ފިޔާޒު ވިދާޅުވިއެވެ.
ފިޔާޒު ވިދާޅުވީ ބޮރޮޑްކާސްޓިން ކަމިޝަނުން ނިންމި ނިންމުމާއި ގުޅިގެން ރައީސް ޔާމީންގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ ފަރާތް އޮޅިއްޖެ ކަމަށެވެ.
"ޝަހީބުތޯ ނުވަތަ ބްރޮޑްކާސްޓިން ކޮމިޝަނުގެ 7 މެމްބަރުންތޯ ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާ ފަރާތަކީ. މިހާރު އަޅުގަނޑުމެންނަށް އޮޅިގެންދިޔަ އެބޭފުޅުން އެ ނިންމެވި ނިންމެވުމުން އޮޅިގެންދިޔަ ސިފައިންގެ މަސްއޫލިއްޔަތާއި ބޮރޮޑްކާސްޓިން ކޮމިޝަންގެ މަސްއޫލިއްޔަތާ.ސިފައިންނާ ފުލުހުންނަށް ހަވާލުވެފައި މިއޮތީ ގައުމުގެ މަސްލަހަތާއި ސަލާމަތާއި ރައްކާތެރިކަން ރައިސުލްޖުމްހޫރިއްޔާގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން. އެކަމަކު އެބޭފުޅުން ނިންމަވާފައިވާ އެ ނިންމުމުން އަޅުގަނޑުމެންނަށް ހާމަވެގެން މިދަނީ ޝަހީބަކީއޭ ރައީސުލްޖުމްހޫރިއްޔާގެ ބޮޑީގާޑުންގެ އިސްވެރިޔަކީ." ފިޔާޒު ވިދާޅުވިއެވެ.
ފިޔާޒު ވިދާޅުވީ ރާއްޖެޓީވީ ޖޫރިމަނާކުރުން އެއީ ޝަހީބާއި ބްރޮޑްކާސްޓިން ކޮމިޝަނުގައި ތިއްބެވި މެމްބަރުންނާއި ސަރުކާރާއި ގުޅިގެން ހިންގަމުންދާ މަސައްކަތްތަކުގެ ތެރެއަށް އިތުރުވި ބޮޅެއް ކަމަށެވެ.