ބްރޯޑްކާސްޓިން ކޮމިޝަނުން ކުރުމަށް ގާނޫނުން ލާޒިމް ކުރާ ކަންކަން ކުރުމުގެ ބަދަލުގައި އެ ކޮމިޝަނުން އުޅެނީ ބިސްމަޅިދުއްވަން ކަމަށް ގާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ، ރާއްޖެ ޓީވީ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކުރި މައްސަލައިގައި އާދިއްތަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ނިޝާން ވިދާޅުވީ އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ގައުމީ ސަލާމަަތަށް ނުރައްކާވުމާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފްވާގޮތަށް ހިޔާލު ފާޅުކުރުމާއި، އާއްމު އުސޫލްތަކާއި ފުށުއަރާގޮތަށް ޚިޔާލު ފާޅުކުރުން ކަމަށް މާނަކުރެވޭގޮތަށް ކަމެއް ހިނގައިފިނަމަ، ފިޔަވަޅު އެޅުމުގެ ބާރު ލިބިދީފައިވަނީ، މޯލްޑިވްސް ޕޮލިސްސާވިސްއަށް ކަމަށެވެ. ގައުމީ ސަލާމަަތަށް ނުރައްކާވާ ބާވަތުގެ ކުށެއް ކޮށްފިނަމަ އެމައްސަލައެއް ތަހުގީގު ކުރާނީ ފުލުހުން ކަމަށް ވެސް ނިޝާން ވިދާޅުވިއެވެ.
ރާއްޖޭގައި ދުސްތޫރީގޮތުން ވުޖޫދުވެފައިއޮތް ބްރޯޑްކާސްޓިން ކޮމިޝަނަށް އެބާރު ގާނޫނުން ލިބިދީފައި ނުވާ ކަމަށް ނިޝާން ވިދާޅުވިއެވެ.
"އެއީ އިދާރީ މުއައްސަސާއެއް. ބްރޯޑްކާސްޓިން ގާނޫނަކީ ވެސް އިދާރީ ގާނޫނެއް. އިދާރީކަމެއްގެ ތެރެއިން ޖިނާއީ ކަމަކަށް ޓެކްލް ކުރެވޭ ގޮތަށް ކަމެއް އަންނާނީ މަދުފަހަރެއްގައި، އެއީ ވަރަށް މުސްތަހީލްކަމެއް" ކުރިން ޕޮލިހުގައި ގާނޫނީ ވަކީލަކަށް އުޅުއްވި ނިޝާން ވިދާޅުވިއެވެ.
ނިޝާން ވިދާޅުވިގޮތުގައި، ޖިނާއީ ކަންކަން ތަހުގީގު ކުރުމަށް ވަކި މުއައްސަސާއެއް އުފައްދާފައި އޮއްވާ، ބްރޯޑްކޮމްއަށް ލިބިގެންވާ ދުސްތޫރީ ބާރުގެ ބޭރުން ކަންކަމަށް އަތްބާނަން މަސައްކަތް ކުރުމަކީ، ގާނޫނީ ރޫހާ ޚިލާފް ކަމެއް ކަމަށް ނިޝާން ވިދާޅުވިއެވެ.
ރާއްޖެޓީވީއާމެދު ފިޔަވަޅު އެޅުމުގެ ކުރިން އެ ކޮމިޝަނުން ކުރަން ޖެހޭ ކަންތައްތަކެއް ކޮމިޝަންގެ މައްޗަށް ބްރޯޑްކާސްޓިން ގާނޫނުގެ ދެވަނަ މާއްދާގައި ލާޒިމްކުރާކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ތަފާތު ފިކުރުތަކަށް އެއްބައިވެވޭގޮތަށް މުއައްސަސާތައް އުފެއްދުމާއި، ތަފާތު ފިކުރުތަކަށް މަގުފަހިވާގޮތަށް ކަންކަން ފަހިކޮށްދިނުމާއި، ތަފާތު ބްރޯޑްކާސްޓަރުން އުފެއްދުމާއި، ބްރޯޑްކާސްޓްކުރުމުގެ މެކޭނިޒަމްތައް އުފެއްދުމާއި މިކަންކަމަކީ ބްރޯޑްކާސްޓިން ކޮމިޝަނަކުން ކޮށްދޭން ޖެހޭ ކަންކަންކަމަށް ނިޝާން ވިދާޅުވިއެވެ.
ބްރޯޑްކާސްޓިން ގާނޫނުގެ ދަށުން ކޮމިޝަން އުފެދިގެން މިހާހިސާބަށް އައިއިރުވެސް ގާނޫނުން އެކޮމިޝަނަށް މަތިކޮށްފައިވާ ކަންކަން ކުރުމަށް މަސައްކަތް ކުރިތަން ނުފެންނަ ކަމަށާއި، އެއާ ޚިލާފަށް ފެނިގެންދަނީ، ކުކުޅެއް ބިސްއެޅީމައި ބިސްހޯދަން ދުވާއުސޫލުން، ވަކި ޓީވީ ޗެނަލްއަކާއި އަޅައިގަނެ، ބިސްމަޅިދުއްވަމުން ދުވާތަން ކަމަށް ނިޝާން ވިދާޅުވިއެެވެ.
ގައުމީސަލާމަަތަށް ނުރައްކާވާފަދަ ވާހަކައެއް މީހަކު ދައްކައިފިކަމަށްވާނަމަ، އެކަމުގައި އަތްލެވޭވަރުގެ ހޫނުކަމެއް ބްރޯޑްކާސްޓިން ކޮމިޝަނުގައި ނުހުންނާނޭ ކަމަށް ނިޝާން ވިދާޅުވިއެވެ. ނިޝާން ވިދާޅުވިގޮތުގައި، މުއައްސަސާއެއްވިޔަސް އަދި ޖަމާއަތަކުން ވިޔަސް، ފަރުދަ ކަމުގައިވިޔަސް އަދި ގުރޫޕަކުންވިޔަސް، "ކޮޅާއި ކޮޅު" ފެންނަން ނެތް ގާނޫނީ ބާރެއް އެއްވެސް މީހަކަށް ލިބިފައި ނުވާނޭ ކަމަށް ނިޝާން ވިދާޅުވިއެވެ.