ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ކުރައްވާ މަސައްކަތަކީ ވެސް ރާއްޖެޓީވީ ނައްތާލުމުގެ މަސައްކަތް ކަމަށާއި، ތަފާތަކީ މާސްކް އަޅައިގެން އައިސް ރޯކޮށްނުލާކަންކަމަށް ރާއްޖެޓީވީގެ ނިއުސް ޑިރެކްޓަރު ހުޝާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހުޝާމް ވިދާޅުވީ ޝަހީބު އެ ކުރައްވަނީ، މީޑިއާތަކުގެ ބެލެނިވެރި ފަރާތުގެ ގޮތުގައި އޮތް ބްރޯޑްކާސްޓިން ކޮމިޝަނުން ސުލޫކީ އަދި ގާނޫނީ ގޮތުންވެސް ކުރެވޭނެ ފަދަ ކަމެއް ނޫން ކަމަށެވެ.
"މީގެ ހަތަރު އަހަރު ކުރިން ރާއްޖެޓީވީ ރޯކޮށްލަން އައި މީހުން އައީ ދަންވަރު، މާސްކްއަޅައިގެން، އެމީހުން އަތުގައި ހަތިޔާރުހުރި، ޕެޓްރޯލްހުރި.އެމީހުން އައީ ރާއްޖެޓީވީ ނައްތާލަން. މަގްސަދަކީ އެ މަގްސަދު" ހުޝާމް ވިދާޅުވިއެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުންގެ އަތުގައި ނެތީ މާސްކާއި ޕެޓްރޯލް ކަމަށާއި ނަމަވެސް، އެ މީހުން މަސައްކަތްކުރައްވަމުން ގެންދަނީ ދުވާލު މާސްކެތް ވެސް ނާޅުއްވައި ކަމަށާއި ރާއްޖެ ޓީވީ ނައްތާލުމަށް ހަތިޔާރަކަށް ބޭނުންކުރަމުން ދަނީ އަބުރު ރައްކާތެރި ކުރުމުގެ ގާނޫނު ކަމަށް ހުޝާމް ވިދާޅުވި އެވެ.
ހުޝާމް ވިދާޅުވީ، ކޮމިޝަންގެ ރައީސް އެ ދަތުރުކުރައްވަނީ ރަނގަޅުމަގުން ނޫންކަން އެނގިވަޑައިގަންނަވާ ކަމަށެވެ. މިއަދު ދެކެމުން މި ދަނީ ރާއްޖޭގެ ބްރޯޑްކާސްޓިންގ ހަޔާތުގައި ދުވަހަކު ވެސް ދެކެން ބޭނުންނުވާ ކަންތައްތަކެއް ކަމަށާއި، ރާއްޖެ ޓީވީ ރޯކޮށްލި މައްސަލައަށް އިންސާފުނުލިބި ދިގުލައިގެން ދާވާހަކަ މުޅިގައުމު ދައްކަމުން ގޮސްގޮސްއޮއްވާ، އޭގެ ޚަބަރު ހަދާ ނުނިމެނީސް ޖެހިގެންއައި ދުވަހު އިވުނީ ފަސްލައްކަ ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކުރި ޚަބަރު ކަމަށް ހުޝާމް ވިދާޅުވިއެވެ.
ގައުމީ ސަލާމަތަަށް ނުރައްކާވާ ފަދަ ކޮންޓެންޓް ބްރޯޑްކާސްޓްކުރިކަމަށް ނިންމާ ފަސްލައްކަ ރުފިޔާއިން ސްޓޭޝަން ޖޫރިމަނާ ކުރިއިރު، އެ ވާހަކަ ދެއްކި މީހާ ކޮބައިތޯއާއި، އެވާހަކަ ދެއްކި މީހާ މިނިވަންކޮށް ދޫކޮށްލައިފައި ހުރި އިރު އެފަދަ ވާހަކައެއް ދެއްކި މީހާގެ ފުށުން ނުރައްކާ ނުވަނީތޯ ހުޝާމް ސުވާލު އުފެއްދެވިއެވެ.
"ޝަހީބުއެއީ ކާކުތޯ އެއީ ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންޓެއްޓެއްކަމަށް ނިންމަން. އެ ސުވާލު މިއަދު އަޅުގަނޑުމެން ކުރަން ބޭނުން، ސަލާމަތީ ބާރުތައް އޮވެމެ އެފަރާތްތަކުން ނާންގާ ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތް ވާހަކައެއް ރާއްޖެޓީވީން ގެނައި ކަމަކަށް، ދެެން ޝަހީބު މީ ކާކުތޯ" ހުޝާމް ވިދާޅުވިއެވެ.
ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަ ދެއްކި ކަމަށް ބުނާމީހާގެ ވާހަކަތައް ބަދަލުކޮށްގެން އެފަދަ ކޮންޓެންޓްއެއް ފޮނުވި ކަމަށް ބުނެ ރާއްޖެޓީވީ، ޖޫރިމަނާ ކުރީ ކޮންގާނޫނެއްގެ ދަށުން، ކޮން އުސޫލެއްގެ މަތިންތޯ ވެސް ހުޝާމް ވަނީ ސުވާލު އުފައްދަވާފައެވެ.