ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާއި އިދާރީ ބޭފުޅުންގެ ތިއްބަވާ ސަރަހައްދު ބޮޑު އުސް ކޮށިގަނޑަކުން ވަކިކޮށް، ޖަލްސާތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
އާންމުވެފައިވާ ފޮޓޯއިން ފެންނަ ގޮތުގައި ކޮށިގަނޑުގެ އުސްމިނުގައި ގާތްގަނޑަކަށް ފަސް ފޫޓް ހުންނާނެ އެވެ. ލަކުޑި މިކޮށިގަނޑު ޖަހާފައިވަނީ، ވަޒީރުން ތިއްބެވުމަށް މަޖިލީހުގެ މާލަމުގެ ދެ ފަރާތުގައި ކަނޑައަޅާފައި ހުންނަ މޭޒުކޮޅުތައް ނެގުމަށް ފަހު އެވެ. މި ކޮށިގަނޑު ޖަހާފައިވަނީ އިދާރީ ބޭފުޅުން ތިއްބަވާ ސަރަހައްދު ވަރަށް ބޮޑަށް އުސްކުރުމަށް ފަހު އެވެ. އެ ސަރަހައްދަށް ވަނުމަށް ސިޑިއެއް ލާފައި ހުންނައިރު، މެމްބަރުންނަށް ނުވަދެވޭ ގޮތަށް ދޮރެއް ލާފައިވެ އެވެ. މިއީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި މަޖިލީހުގެ ރައީސް އިންނެވުމަށް މިފަދަ އުސް ކޮށިގަނޑެއް ހެދި ފުރަތަމަ ފަހަރެވެ.
މި ބަދަލު މިގެނައީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް 85 މެމްބަރުންގެ ތެރެއިން 45 މެމްބަރުން ހުށަހެޅި މައްސަލަ ބޭރުކޮށްލުމަށް ފަހު އެވެ. ޕީޕީއެމްގެ 11 މެމްބަރުންގެ ސޮޔާއެކު ހުށަހެޅި މި މައްސަލަ މަޖިލީހުން ބޭރުކޮށްލި ނަމަވެސް، މައްސަލަ ހުށަހެޅުއްވި މެމްބަރުން ވިދާޅުވަނީ މަސީހުގެ އިތުބާރު ގެއްލިގެން ގޮސްފައިވާ ކަމަށާއި ރިޔާސަތުގައި އިންނެވުމުގެ ހައިސިއްޔަތު ގެއްލިފައިވާ ކަމަށެވެ.
ކޮށިގަނޑަކާއި ސްޓޭޖެއް ހަދައިގެން މަޖިލީހުގެ ރިޔާސަތާ މެންބަރުން ކައިރި ނުވެވޭގޮތް ހަދާފައިވާއިރު މިއަހަރުގެ ތިންވަނަ ދައުރުގެ ފުރތަމަ ޖަލްސާ ބާއްވަން ޖެހޭ ދުވަހު ޖަލްސާ ނުބާއްވާ ހޯމަ ދުވަހު ދައުރުގެ ފުރަތަމަ ޖަލްސާ ވަނީ ތާވަލް ކޮށްފައެވެ. .
ހޯމަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 207 ވަނަ މާއްދާ އިސްލާހު ކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ އިސްލާހު އާންމު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް އެކަންޏެވެ.
މަޖިލީހުގެ ގަވާއިދުގެ 207 ވަނަ މާއްދާއަކީ ބައިނަލް އަގްވާމީ ޖަމްއިއްޔާތަކާއި ގާނޫނު ހަދާ މަޖިލިސްތަކާ ގުޅުން ގާއިމު ކުރުމާ ގުޅޭ މާއްދާ އެވެ.
އެ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވުމަށް ފަހު، އަދި މެމްބަރުން ބަހުސް ކުރުމަށް ފުރުސަތު ދެއްވުމަށް ފަހު، އެ ރިޕޯޓަށް ވޯޓަށް އެހުން އޮންނާނެ އެވެ.
މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މި ފަށަނީ މަޖިލީހުގެ ގަވާއިދުގައި ބުނާ ތާރީހަށް ވުރެ ފަހުންނެވެ.
މަޖިލީހުގެ ގަވާއިދުގައި ވަނީ މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ފެށޭނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެންކަމަށެވެ. އެގޮތުން ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ، އޮކްޓޯބަރު މަސް ފެށި، ވިދިގެން އަންނަ ހޯމަ ދުވަހު ބާއްވަން ޖެހެއެވެ.
އެގޮތުން އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަސް ދިމާވެފައި ވަނީ ހޯމަ ދުވަހަކަށެވެ. އެހެން ކަމަށް ވުމުން މަޖިލީހުގެ އާއްމު އުސޫލުން ޖަލްސާތައް ބާއްވަން ޖެހެއެވެ. ނަމަވެސް ޖަލްސާއެއް ނުބާއްވަ އެވެ.
އެނގިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ހޯމަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، މަޖިލީހުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް މިހާރު މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންގެ އަދަދު އިތުރު ކުރުމަށް ވަނީ ނިންމާފަ އެވެ.
އެނގިފައިވާ ގޮތުން އަންނަ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ނަމުގައި އިތުރު 45 ސިފައިން މަޖިލީހުގެ އިދާރާގައި ހަރަކާތްތެރިވާނެ އެވެ.
އާއްމުކޮށް މަޖިލީހުގެ ސެކިއުރިޓީގެ ގޮތުގައި ތިބެނީ 8 ވަރަކަށް ސިފައިންނެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި ފަހަކަށް އައިސް ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ގިނަ އަދަދެއްގެ ސިފައިން ބޭނުން ކުރަމުން ދެއެވެ. އަދި ޖަލްސާ ކުރާ މާލަމުގައި ވެސް ގިނަ އަދަދެއްގެ ސިފައިން ވަނީ ހަރަކާތްތެރިވެފަ އެވެ.