ޖުމްހޫރީ ދުވަހާއި ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ، އެއް ރަސްމިއްޔާތެއްގެ ގޮތުގައި، އަންނަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭ ބާއްވާ ގޮތަށް ރައީސް އޮފީހުން ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ ގޮތަށް ހަމަޖެއްސީ މި އަހަރު ޖުމްހޫރީ ދުވަހާއި ގައުމީ ދުވަސް ދިމާވަނީ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހާ ކަމަށްވާތީއާއި މިއަހަރުގެ ގައުމީ ދުވަސް ކައިރި ކައިރީގައި އަންނާތީ މިދެ މުނާސަބަތާއި ގުޅުވައިގެން އެއް ޖަލްސާއެއް ބޭއްވުމުގެ ގޮތުން ކަމަށެވެ.
މި ޖަލްސާގައި ސަރުކާރުން ކޮންމެ އަހަރަކު ވެސް ދޭ ގައުމީ އިނާމާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްސަ އިނާމު ދެއްވުން އޮންނާނެއެވެ.
މީގެއިތުރުން، ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން ޙާފިޡުކަމުގެ ސަނަދު މިއަހަރު ހާސިލުކުރެއްވި ޙާފިޡުންނަށާއި، ސާނަވީ އިމްތިޙާނުން މުޅި ދުނިޔެއިން 1 ވަނަ ހޯދި ދަރިވަރުންނަށާއި، މަތީ ސާނަވީ އިމްތިޙާނުން މުޅި ދުނިޔެއިން 1 ވަނަ ހޯދި ދަރިވަރުންނަށް، ރައީސް ދެއްވާ މެޑެލް ދެއްވުން ވެސް އޮންނާނެއެވެ.
ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް، ގައުމީ އިނާމާބެހޭ ކޮމިޓީން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ. އަދި މަތީދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްޞަ އިނާމު، މިއަހަރު ލިބިވަޑައިގަންނަވާ ބޭފުޅުން ކަނޑައެޅުއްވުމުގެ މަސައްކަތް ވެސް، ޚާއްޞަ އިނާމާބެހޭ ކޮމިޓީން މިހާރު އަންނަނީ ކުރަމުންނެވެ.