ސެމެއިދު ގެއްލުނުތާ ހަތަރު މަސް ވީއިރު، އެހާދިސާ ހިނގާދިޔަ ގޮތް ފުލުހުންނަށް ހާމަކުރެވިފައިނުވުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށް ސުމެއިދުގެ ބައްޕަ އަބްދުﷲ ރަޝީދު ބުނެފި އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން، ގެއްލުނު މުހައްމަދު ސުމެއިދުގެ ބައްޕަ އަބްދުﷲ ރަޝީދު ބުނީ އެންމެ ކަންބޮޑުވާ މައްސަަލައަކީ ތަހުގީގުގައި ހޯދުނު އެއްޗެއް ފުލުހުން ހާމަނުކުރުން ކަމަށެވެ. މިހާ ގިނަ ދުވަސްވެފައިވާ އިރު ފުލުހުން އެންމެ ފަހުން ބުނެފައިވަނީ، ތަހުގީގު ނިމިފައިވާ ކަމަށެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ އެ މައުލޫމާތު ހާމަކުރާނެ ކަމަށް މިދިޔަ މަހު ބުނި ނަމަވެސް އެކަން ކުރިތަން ނުފެންނަ ކަމަށް އަބްދުﷲ ރަޝީދު ބުންޏެވެ.
އަބްދުﷲ ރަޝީދު ބުނީ މިހާދިސާގައި ހިނގި ގޮތާމެދު އެތައް ސުވާލުތަކެއް އުފެދޭ ކަމަށާއި، ސުމެއިދު ގެއްލުނު ހާދިސާގެ ތަހުގީގުން، ހޯދުނު މައުލޫމާތު އެނގުމަކީ އައިލާގެ ވަރަށް ބޮޑު ބޭނުމެއް ކަމަށެވެ.
ސުމެއިދު ގެއްލުނު ހާދިސާ ގޮސްފައިވާ ހިސާބު ބެލުމަށް ފުލުހުންގެ މީޑީޔާއަށް ގުޅުމުން ވަނީ ޖަވާބެއް ލިބޭގޮތް ނުވެފަ އެވެ.
ސުމެއިދު ގެއްލިފައިވަނީ ޖޫން މަހުގެ 04 ވަނަ ދުވަހު އެވެ. ފުުލުހުންގެ މުއައްސަސާގައި މަސައްކަތް ކުރި ސުމެއިދު ގެއްލުނު މައްސަލަ، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް އެ މުއައްސަސާއިން ބުނެފައިވެ އެވެ. އޭނާ ހޯދުމުގެ މަސައްކަތް ހެލިކޮޕްޓަރު ބޭނުންކޮށްގެން ވައިގެ މަގުންވެސް ބޮޑު ސަރަހައްދެއް ބަލާފައިވެ އެވެ.
ސުމެއިދު ގެއްލުމަށް މެދުވެރިވީ، ޑިންގީ ބަންޑުން ޖަހާލައިގެން ކަމަށް ބުނި ނަމަވެސް އެ ޑިންގީ ތެރޭގައި ލައިފް ޖެކެޓާއި ފިންސާއި ކާން ބޭނުން ކުރި ސާމާނުވެސް ހުއްޓެވެ. ޑިންގީ ބަންޑުން ޖަހާލި ހާދިސާގައި ސުމެއިދާ އެކު ދިޔަ އޭނާގެ އެކުވެރިންނަކީ ސ.ފޭދޫ، ފަހާގޭ، ހުސައިން ސައީދާއި ހަމައެ ރަށުގެ އިބްރާހިމް ނާއިފު އެވެ. އެދެމީހުން ވަނީ ފަތާފައި ފަޅުރަށަކަށް އަރާ ސަލާމަތްވެފަ އެވެ.
އުމުރުން 27 އަހަރުގެ ސުމެއިދު ގެއްލިފައި ވަނީ ކީއްވެގެންކަން އަދި ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.