ނެދަލެންޑްސްގެ ކުންފުންޏަކާއި ހަވާލުކޮށްގެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީން (އެމްޓީސީސީ) ޗައިނާގައި ބަނދެފައިވާ ޑްރެޖަރު (މަހާ ޖައްރާފް) މާލެ ގެނެވޭވަރު ވާނީ މިމަހުގެ 30 ގައި ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީއިން ބުނީ މާލެ ގެނައުމަށް ފުރާފައިވަނީ މިމަހުގެ 6 ވަނަ ދުވަހުގައި ކަމަށެވެ.
ނެދަލެންޑްސްގައި ބޭއްވި ހަފްލާއެއްގައި އެ ޑްރެޖަރާ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ހަވާލުވެ ވަޑައިގަތީ ސެޕްޓެމްބަރުމަހުގެ 29 ވަނަ ދުވަހުގައެވެ.
ނެދަލެންޑްސްގެ އައި.އެޗް.ސީއާ ހަވާލު ކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީއިން ބަނދެފައިވާ މި މަހާޖައްރާފަކީ ދިގުމިނުގައި 90 މީޓަރު ހުންނަ އުޅަނދެކެވެ. 50 މީޓަރު އަޑިން ވެލި ނެގުމުގެ ޤާބިލުކަން ލިބިފައިވާ މި ޑްރެޖަރަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވޭކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.
މީގެ އިތުރުން ވެސް މި ޑްރެޖަރާ އެކު، ސަރުކާރުން ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އިތުރަށް ހަލުއިވެ، ރާއްޖެ އާއި ބޭރު ގައުމުތަކުގައި ވެސް ބިން ހިއްކުމުގެ ބޮޑެތި ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި މަހާ ޖައްރާފަކީ 555 މިލިއަން ރުފިޔާ (36 މިލިއަން ޑޮލަރު) ގެ އަގަކަށް ބަނދެފައިވާ ޖައްރާފެކެވެ.