ރައްޔިތުންގެ މަޖިލީހުގެ ހަތް މެމްބަރެއްގެ ގޮނޑި ގެއްލުވާލުމަށް ފަހު، އެ ދާއިރާތަކުގެ ބައި އިލެކްޝަން ބޭއްވުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ފަހަނަ އަޅައި ގޮސްފައިވާއިރު، އިންތިހާބު ނުބާއްވައި ލަސްކުރަނީ ފައިސާ ނެތިގެން ނޫން ކަމަށާއި އިންތިހާބު ފަސްކުރަން ސަރުކާރުން ބޭނުންވާތީ ކަމަށް އޮފިޝަލަކު ވިދާޅިވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ ބައި އިލެކްޝަންތައް ބޭއްވުމަށް ބޭނުންވާ 12 މިލިއަން ރުފިޔާ ހަމަޖެއްސޭނެ ގޮތްތައް އެބަހުރި ކަމަށެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން އިލެކްޝަންސް ކޮމިޝަނަށް ޖަވާބު ދީފައި ވަނީ ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކޮށްގެން ނޫން ގޮތަކަށް ފައިސާ ދެވެން ނެތް ކަމަށާއި އެ ކޮމިޝަންގެ ބަޖެޓްގެ ތެރެއިން ބައި އިލެކްޝަން ބޭއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ.
"ނަމަވެސް ކިހިނެއްތޯ އިންތިހާބު ކުރިއަށް ގެންދާނީ. ހަމައެކަނި ބަޖެޓްގައި ހުރީ މުވައްޒަފުންގެ މުސާރަ ދެވޭ ވަރު،" އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.
ސަރުކާރުގެ އެހެން އޮފިޝަލަކު ވިދާޅުވި ގޮތުގައި، އިންތިހާބު ބޭއްވުމަށް ސަރުކާރުން ބޭނުން ނުވަނީ ގޮނޑިތައް ކާމިޔާބު ކުރެވޭނެ ޔަގީންކަން ނެތުމުންނެވެ.
"ގިނަ ދާއިރާތަކުގެ ގޮނޑި ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަމެއް ސަރުކާރަކަށް ނެތް،" އޭނާ ވިދާޅުވި އެވެ.
"އިންތިހާބު ބާއްވާނީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް ފާސްކުރުމަށް ފަހު."
ބައި- އިލެކްޝަންތައް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ދާއިރާތަކަކީ، މަޑުއްވަރީ ދާއިރާއާއި، ދިއްދޫ ދާއިރާއާއި، ތުލުސްދޫ ދާއިރާއާއި، ވިލިނގިލީ ދާއިރާއާއި ދަނގެތީ ދާއިރާގެ އިތުރުން މައްޗަންގޮޅި ދެކުނު ދާއިރާއާއި ތިނަދޫ ދެކުނު ދާއިރާ އެވެ.
އެ ދާއިރާތަކުގެ ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބު ކާމިޔާބުކުރާ މެންބަރުންގެ ތެރެެއިން ޕާޓީން ވަކިވާ، އަދި ވަކިކުރާ މެންބަރުންނާއި އަދި ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ޖުލައި 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ހަވާލާދީ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ އެގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ ގާނޫނު އަސާސީގެ 78 މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ "ށ" ގައިވާ ގޮތުގެ މަތިން އިންތިހާބު ބާއްވަން ވާނެ ކަމަށެވެ. އަދި އެ ހުކުމުގައިވާ ބަޔާން ވެގެންވާ އުސޫލުތަކަށް އަމަލުކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ވަނީ އަންގާފަ އެވެ.
ގާނޫނު އަސާސީގެ 78 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވި ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރާން ވާނެއެވެ. އެ މުއްދަތު ވަނީ ފަހަނަ އަޅައި ގޮސްފަ އެވެ.