ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރު ނުވަތަ ފަހު ދައުރުގެ ޖަލްސާތައް ފެށުމަށް ނިންމާ ހޯމަ ދުވަހު ދައުރުގެ ފުރަތަމަ ޖަލްސާ ތާވަލް ކޮށްފި އެވެ.
މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ހޯމަ ދުވަހު ފެށުމަށް ނިންމި ނަމަވެސް ޖަލްސާގައި މާބޮޑުކަމެއް އެޖެންޑާ ކޮށްފައެއް ނުވެއެވެ.
ހޯމަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 207 ވަނަ މާއްދާ އިސްލާހު ކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ އިސްލާހު އާންމު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް އެކަންޏެވެ.
މަޖިލީހުގެ ގަވާއިދުގެ 207 ވަނަ މާއްދާއަކީ ބައިނަލް އަގްވާމީ ޖަމްއިއްޔާތަކާއި ގާނޫނު ހަދާ މަޖިލިސްތަކާ ގުޅުން ގާއިމު ކުރުމާ ގުޅޭ މާއްދާ އެވެ.
އެ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވުމަށް ފަހު، އަދި މެމްބަރުން ބަހުސް ކުރުމަށް ފުރުސަތު ދެއްވުމަށް ފަހު، އެ ރިޕޯޓަށް ވޯޓަށް އެހުން އޮންނާނެ އެވެ.
މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މި ފަށަނީ މަޖިލީހުގެ ގަވާއިދުގައި ބުނާ ތާރީހަށް ވުރެ ފަހުންނެވެ.
މަޖިލީހުގެ ގަވާއިދުގައި ވަނީ މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ފެށޭނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެގޮތުން ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ، އޮކްޓޯބަރު މަސް ފެށި، ވިދިގެން އަންނަ ހޯމަ ދުވަހު ޖަލްސާ ބާއްވަން ޖެހެއެވެ.
އެގޮތުން އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަސް ދިމާވެފައި ވަނީ ހޯމަ ދުވަހަކަށެވެ. އެހެން ކަމަށް ވުމުން މަޖިލީހުގެ އާއްމު އުސޫލުން ޖަލްސާތައް ބާއްވަން ޖެހެއެވެ. ނަމަވެސް ޖަލްސާއެއް ނުބާއްވަ އެވެ.
އެނގިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ހޯމަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، މަޖިލީހުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް މިހާރު މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންގެ އަދަދު އިތުރު ކުރުމަށް ވަނީ ނިންމާފަ އެވެ.
އެނގިފައިވާ ގޮތުން އަންނަ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ނަމުގައި އިތުރު 45 ސިފައިން މަޖިލީހުގެ އިދާރާގައި ހަރަކާތްތެރިވާނެ އެވެ.
އާއްމުކޮށް މަޖިލީހުގެ ސެކިއުރިޓީގެ ގޮތުގައި ތިބެނީ 8 ވަރަކަށް ސިފައިންނެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި ފަހަކަށް އައިސް ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ގިނަ އަދަދެއްގެ ސިފައިން ބޭނުން ކުރަމުން ދެއެވެ. އަދި ޖަލްސާކުރާ މާލަމުގައި ވެސް ގިނަ އަދަދެއްގެ ސިފައިން ވަނީ ހަރަކާތްތެރިވެފަ އެވެ.
އަންނަ ހޯމަ ދުވަހު މަޖިލީހުގެ މިހާރުގެ ފަހު ދައުރުގެ ޖަލްސާތައް ފަށާއިރު، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިންނަވާ ރިޔާސަތުގެ ގޮނޑިކޮޅާއި މޭޒުކޮޅު ބެހެއްޓުމަށްޓަކައި އުސްކޮށް ސްޓޭޖެއް ވަނީ ހަދާފަ އެވެ. އެ ސްޓޭޖް ހެދުމުގެ މަސައްކަތް ސިފައިން މަޖިލީހުގެ އިދާރާގައި ކުރަމުންދަނިކޮށް ރާއްޖެޓީވީއަށް ވަނި ފެނިފަ އެވެ.
ސްޓެޖް ހަދުމަށްފަހު، ރިޔާސަތުގެ ގޮނޑިކޮޅު ބަހައްޓަނީ ކިހާ އުސްމިނެއްގަކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މަޖިލީހުގެ ރިއާސަތުގެ މޭޒު ބަހައްޓަނީ 10 ފޫޓެއްހާ އުހުގަ އެވެ.
މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު ފެށުމަށް ނިންމިއިރު، އެ ޖަލްސާ މަޖިލީހުގެ ގަވާއިދާއި އާއްމު އުސޫލުން ބާއްވަން ޖެހެނީ މިމަހުގެ 2 ވީ ހޯމަ ދުވަހު އެވެ.
މަޖިލީހުގެ ފަހު ދައުރުގައި އެންމެ ބޮޑު ކަމެއްގެ ގޮތުގައި އޮންނާނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުމާއި ބަޖެޓާ މެދު މަޝްވަރާކޮށް ބަހުސް ކުރުމަށް ފަހު ބަޖެޓް ފާސްކުރުމެވެ.