ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި ދެ ޒުވާނުންގެ މަރާއި ގުޅިގެން ހައްޔަރުކުރި މީހުން ދޫކޮށްލައިފިއެވެ.
ސެޕްޓެމްބަރ މަހުގެ 28 ވަނަ ދުވަހުގެ ރޭ މަރުވެފައިވަނީ ތ. ތިމަރަފުށީ އަހުމަދު ހާމީން، 21، އާއި ދަފްތަރު، ފާތުމަތު ސަމާ، 18، އެވެ. ރަހުމަތްތެރިޔާގެ އުފަންދުވަސް ފާހަގަކުރުމުގެ ތެރޭގައި ހިނގާދިޔަ ކުއްލި ދެ މަރާއި ގުޅިގެން ފުލުހުން ވަނީ ތިން ފިރިހެނުންނާއި އަންހެނެއް ތަޙްގީގަށް ހައްޔަރުކޮށްފައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާއި އޮފިޝަލް ވިދާޅުވީ ސަމާ އާއި ހަމީންގެ މަރުގެ މައްސަލައާއި ގުޅިގެން ހައްޔަރުކުރި އެންމެން ދޫކޮށްލާފައިވާ ކަމަށެވެ. ތަހްގީގް ނުނިމޭތީ ފުލުހުން އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަތަރު މީހުން ދޫކޮށްލާފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
ފުލުހުން މި ހަތަރު މީހުން ދޫކޮށްލާފައި ވަނީ ، އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ދިން 15 ދުވަހުގެ މުއްދަތު ހަމަނުވަނީހެވެ. އެ މީހުންގެ ބަންދަށް ފުރަތަމަ މުއްދަތު އިތުރުކުރީ ސެޕްޓެމްބަރ މަހު 29 ވަނަ ދުވަހުގައެވެ.
މި ހަތަރު މީހުންގެ މައްޗަށް 12 ތުހުމަތެއް ފުލުހުން ކޮށްފައިވެއެވެ. އޭގެ ތެރޭގައި ޕާޓީ ޑްރަގްގެ ބާވަތަކާއި މަސްތުވާ އެހެން އެއްޗެހި ގެންގުޅުމުގެ ތުހުމަތު ވެސް ހިމެނެއެވެ. ފުލުހުން ކުރިން ބުނި ގޮތުގައި އެމީހުން ޕާޓީ ބާއްވަން އުޅުނު ސަރަހައްދު ބަލާ ފާސްކުރި އިރު، ޕާޓީ ޑްރަގް ވަނީ ފެނިއެވެ.