މ. މުލީގެ މޫދު ސަރަހައްދަށް އަޑިއަށް ދިޔަ ޑްރެޖަރުން ލީކުވި ކަޅުތެޔޮތަކާ ގުޅިގެން އެރަށުގެ މޫދު ސަރަހައްދަށް ލިިބުނު ގެއްލުންތައް ބަލަމުންދާ ކަމަށް އެންވަޔަރމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.
އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމު ވިދާޅުވީ، މުލީގެ މޫދު ސަރަހައްދަށް ކަޅު ތެޔޮ ފެތުރި ތަޣައްޔަރުވެފައިވާ މައްސަލަ އީޕީއޭ އިން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އެ ސަރަހައްދު އެވޯޝަން ކޮންސްޓްރަކްޝަން ކުންފުނިން ސާފު ކުރުމުގެ މަސައްކަތް މިހާރު ކަމުންދާ ކަމަށް ނައީމު ވިދާޅުވި އެވެ. އެ މައްސަލަ އެރަށު ކައުންސިލާއި ފުލުހުންނާއި ސިފައިންގެ އެހީތެރިކަމާ އެކު ބަލަމުންދާ ކަމަށާއި ލިބުުނު ގެއްލުންތައް ދެނެގަތުމަށްޓަކާއި އީޕީއޭގެ ޓީމެއް މުއްޔަށް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ގެއްލުންތައް ދެނެގަތުމަށް ފަހު ފިޔަވަޅުތަކެއް އަޅަންޖެހޭ ނަމަ އެފިޔަވަޅުތައްވެސް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން މުލީ ކައުންސިލްގެ ރައީސް އިބްރާހިމް ޒަކީ ވިދާޅުވީ، ރަށުގެ ވަށަައިގެން ތެޔޮތައް ފެތުރުމުގެ ސަބަބުން، އޮޑިދޯނި ފަަހަރުގައި ކަޅުތެޔޮ ޖެހި، ހަޑިވަމުންދާކަމުގެ ޝަކުވާ ކުރަމުންދާ ކަމަށެެވެ. އަދި މޫދުގައި ކަސްރަތު ކުރާ ފަރާތްތަކާއި މޫދަށް އެރޭ ފަރާތްތަކުންވެސް ކަންބޮޑުވުން ފާޅުކޮށް ޝަކުވާ ކުރަމުންދާ ކަމަށް އެރަށު ކައުންސިލުން ބުނެ އެވެ.
އެރަށުގެ މޫދު ސަރަހައްދު ކަޅުތެޔޮ އިން ތަޣައްޔަރުވެފައިވަނީ މުލީގެ ބިން ހިއްކުމަށް ގެންގޮސް އޮތް ޑްރެޖަރެއް އަޑިއަށް ގޮސް އޭގެން ފޭބި ކަޅުތެޔޮތައް މުލީގެ މޫދު ސަރަހައްދަށް ފެތުރުމުންނެވެ. ޑްރެޖަރު އަޑިއަށް ގޮސްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އެ ޑްރެޖަރަކީ ޗައިނާއިން ގެނެސްފައިވާ ޑްރެޖަރެއް ކަމަށް މައުލުމާތު ލިބެ އެވެ.
އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ މަޝްރޫއުއަކީ ހަތް މަސް ދުވަހުގެ މަޝްރޫއެއް ނަމަވެސް މަސައްކަތް މިއަދާ ހަމައަށް ވެސް ނިމިފައެއް ނުވެ އެވެ.