ދިވެހި ރާއްޖޭގައި އިންވެސްޓް ކުރުމަށް ތައިލެންޑް ސަރުކާރަށް ރާއްޖެއިން ވަރުގަދަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް އެގައުމުގެ ފަތުރުވެރިކަމުގެ ވުޒާރާގެ އިސް ފަރާތްތަކަށް ރާއްޖެއަށް ވަޑައިގަތުމަށް ދިވެހިރާއްޖެއިން ދައުވަތުދީފި އެވެ.
ތައިލެންޑްގެ ނޫސް މަޖައްލާއެއް ކަމަށްވާ، ބެންކޮކް ޕޯސްޓުގައި ބުނެފައިވަނީ، ދިވެހި ރާއްޖޭގެ އިސްވެރިން ތައިލެންޑްގެ އިންވެސްޓަރުންނަށް އިންވެސްޓް ކުރާނެ ރަގަޅު ފުރުސަތުތަކެއް ފަހިކޮށްދީފައިވާ ކަމަށެެވެ. އެގޮތުން ފަތުރުވެރިކަމާއި އުމްރާނީ ތަރައްގީގެ މަސައްކަތުގައި އިންވެސްޓް ކުރުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ތައިލެންޑްގެ ޓޫރިޒަމް އެންޑް ސްޕޯޓްސް މިނިސްޓަރ ކޮބްކާން ވަތަނާވަރަންކުލް ވިދާޅުވީ، ރާއްޖޭގެ ސަރުކާރުން ތައިލެންޑުގެ އިންވެސްޓަރުންނަށް ރިސޯޓްތަކާއި ހޮޓެލް ތަރައްގީ ކުރުމަށް ހުޅުވާލާފައިވާ އިރު ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން، މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގާނެ ތަންތަން ތަރައްގީ ކުރުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް 50 ރަށެއްގައި މިފަދަ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގާނެ މަރުކަޒުތައް ގާއިމް ކުރުމަށް ފުުރުސަތު ހުޅުވާލާފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން ގާތްގަނޑަކަށް 360 ރަށެއް ޓޫރިސްޓް ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ އިރު މިދިޔަ އަހަރު ރާއްޖެއަށް ވަނީ 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފަ އެވެ.
ތައިލެންޑް ސަރުކާރަށް ރާއްޖެއަށް ވަޑައިގަތުމަށް ދައުވަތުދީފައިވާ އިރު، ތައިލެންޑްގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަށްދާގޮތް ބަލާ، އެކަންކަން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ބޭނުންކުރާނެ ގޮތްތައް ދެނެގަތުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ތައިލެންޑްގެ ޓޫރިޒަމް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.
ތައިލެންޑްގެ މަޝްހޫރު ކުންފުނިތައް މިހާރުވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރެ އެވެ. އެގޮތުން ޑޫސިޓް އިންޓަރނޭޝަނަލް އާއި މައިނަރ އިންޓަރނޭޝަނަލް އާއި ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓް ފަތުރުވެރިކަމުގެ ދާއިރާގައި ދަނީ ހަރަކާތްތެރި ވަމުންނެވެ.
ރާއްޖޭގެ ގިނަ ބަޔަކު ތައިލެންޑަށް ޒިޔާރަތް ކުރާ އިރު ބޭސްފަރުވާ އާއި ސިއްހީ އެކި އެހީތެރިކަން ހޯދުމަށް ދިވެހިން ތައިލެންޑަށް ދަތުރުކުރެ އެވެ. އެގޮތުން ދަތުގެ ބަލިތަކާއި ކޮސްމެޓިކް ސަރޖެރީތަކުގެ އިތުރުން ބަރުދަން ލުއި ކުރުމާއި އެންޓި- އޭޖިންގ ޓްރީމެންޓްސް ނެގުމުގެ އިތުރަށް މަސާޖާއި މެޑިޓޭޝަން ނެގުމަށް ރާއްޖޭގެ ގިނަ ބަޔަކު ތައިލެންޑަށް ޒިޔާރަތްކުރެ އެވެ. އެގޮތުން މިދިޔަ އަހަރު އެކަނި 18470 ދިވެހިން ތައިލެންޑަށް ޒިޔާރަތްކުރި އެވެ. އާންމުކޮށް ރާއްޖޭގެ ފަތުރުވެރިން ދުވާލެއްގެ މައްޗަށް 160 ޑޮލަރު އެގައުމުގައި ހޭދަކުރެ އެވެ. އަދި ދަތުރެއްގައި އެވްރެޖުކޮށް ގާތްގަނޑަކަށް 1280 ޑޮލަރު އެގައުމުގައި ހަރަދުކުރެ އެވެ.
މިދިޔަ އަހަރު ތައިލެންޑުން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 15000 ފަތުރުވެރިންނެވެ. މިއަހަރު އެއަދަދު 20000 އަރާނެ ކަމަށް ލަފާ ކުރެވެ އެވެ.
ދިވެހިރާއްޖެއާއި ތައިލެންޑަކީ ވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި ކުރި އަރަމުންދާ ކާމިޔާބު ދެގައުމަށްވާ އިރު ދެގައުމުން މަސައްކަތް ކުރަނީ ގުޅިގެން މާކެޓިންގ ކެމްޕެއިން މަސައްކަތްތަކެއް ކުރުމަށެވެ. އެ މަސައްކަތްތައް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ތައިލެންޑުން ބުނެ އެވެ.
ތައިލެންޑަކީ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ގައުމެކެެވެ. އެގޮތުން މިދިޔަ އަހަރު އެކަނި އެގައުމަށް 32.6 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ އިރު މިއީ އަހަރުން އަހަރަށް ބަލާ އިރު 9 ޕަސެންޓްގެ ކުރި އެރުމެކެވެ. މިއީ ގާތްގަނޑަކަށް 2.5 ޓްރިލިއަން ބާތު އެވެ. ތައިލެންޑުން މިއަހަރު އަމާޒު ހިފާފައި ވަނީ 34.5 މިލިއަނަށް ފަތުރުވެރިން އެގައުމަށް ޒިޔާރަތް ކުރުވުމަށެވެ.