އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަދި ލ.ފޮނަދޫއަށް ފޮނުވާ ޖަނަރޭޓަރުތަކެއް އެ ރަށްރަށަށް ފޮނުވާލާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ، ހޮނިހިރު ދުވަހު އައްޑޫ ސިޓީއަށް 1.2 މެގަވޯޓް އަދި އެއް މެގަވޯޓްގެ ޖަނަރޭޓަރު ފުރުވާލާފައިވާ ކަމަށެވެ. އަދި އެހެންމެ ފުވަމުލަކަށްވެސް 1.2 މެގަވޯޓުގެ ޖަނަރޭޓަރަކާއި، ފޮނަދޫއަށް އެއް މެގަވޯޓްގެ ޖަނަރޭޓަރެއް، ފޮނުވުމަށް ހޮނިހިރު ދުވަހުގެރޭ ފުރުވަލާފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އައްޑޫ އިންޖީނުގޭގައި މައްސަލަ ޖެހިފައިހުރި ހަތަރު ޖަނަރޭޓަރުގެ ތެރެއިން އެއް މެގަ ވޯޓުގެ ޖަނަރޭޓަރެއް ހަދައި ކަރަންޓު ދޭން ފަށާފައިވާ ކަމަށްވެސް އެކުންފުނީގެ މެނޭޖިން ޑިރެޓްޓަރ އަހްމަދު ޝަރީފު ވަނީ ވިދާޅުވެފައެވެ.
ހޮނިހިރު ދުވަހުގެރޭ ޝަރީފު ވިދާޅުވި ގޮތުގައި އައްޑޫ ސިޓީގައި ހަލާކުވެފައިހުރި ހަތަރު ޖަނަރޭޓަރުގެ ތެރެއިން، ތިން ޖަނަރޭޓަރުގެ ސްޕެއާޕާޓްސް ރާއްޖެއިން ލިބޭކަށް ނެތެވެ. އެހެން ކަމުން އެޖަނަރޭޓަރުތައް ހެދުމަށް ވަގުތު ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފެދޫ އަދި ފޭދުގައި ކަރަންޓް ކެނޑޭ މައްސަލަ ވަނީ އާންމުވެފައެވެ. ފެނަކައިން މައުލޫމާތު ދޭ ގޮތުގައި އެ މައްސަލަ ދިމާވަނީ ކަރަންޓް ދޭ މަރުކަޒީ އިންޖީނުގޭގެ ހުރި ހަތަރު ޖަނަރޭޓަރު މައްސަލަ ޖެހިގެންނެވެ.