ޤައުމުތަކަށް ދަތުރުކޮށް، އެޤައުމުތަކުގެ ކަންކަން ހިނގާ ޑިމޮކްރެޓިކް ހަމަތައް ދަސްކޮށް، ތަހުޒީބުވެފައިވާ ޤައުމުތަކާއިއެކު މަސައްކަތްކުރަން ވެރިކަން ކުރާ ޕާޓީ ޕީޕީއެމް ދަސްކުރުމަކީ އެމްޑީޕީއިން މަރުހަބާ ކިޔާކަމެއް ކަމަށް އެޕާޓީގެ ތަރުޖަމާނު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ ޕާޓީ ޕީޕީއެމްއިން ސްވިޓްޒަލެންޑްގެ ޖެނީވާގައި ޤާއިމް ކޮށްފައިވާ އެކި ޤައުމުތަކުގެ މިޝަންތަކާއި އަދި ބައިނަލްއަޤްވާމީ ޖަމްއިއްޔާ ޖަމާޢަތްތަކުގެ ބޭފުޅުންނާއި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން ރާއްޖެ.އެމްވީ އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިންތި ވިދާޅުވީ ޕީޕީއެމްއިން ހިންގާ ވިޔާނުދާ އަދި ޤާނޫންތަކާއި ޚިލާފު ކަންތައްތަކުން އެއްކިބާވުމަށް މިފަދަ ދަތުރުތަކުގެ ސަބަބުން ފަހަރުގައި އަލިމަގެއް ލިބިދާނެ ކަމަށެވެ. އަދި އެހެން އެކަން ވެއްޖެނަމަ، ޕީޕީއެމްގެ މި ދަތުރުގެ ސަބަބުން ޕީޕީއެމްއަށާއި ދިވެހިރާއްޖެއަށް ވެސް އެކަމުގެ ފައިދާތަކެއް ވާނެ ކަމަށެވެ. އިންތި ވިދާޅުވީ ޔޫރަޕްގެ ޤައުމުތަކަށް ދަތުރުކުރުމުން ޑިމޮކްރެޓިކް ނިޒާމްތައް މަސައްކަތްކުރާ ގޮތާއި، އިންސާނީ ހައްޤުތައް ދަމަހައްޓާގޮތާއި، އިންސާނީ ހައްޤުތައް ކުރިއަރުވާނެ ގޮތް ދަސްވާނެ ކަމަށެވެ. އަދި އިންސާނީ ހައްޤުތަކަށް އަރައިގަނެވިފައިވާކަން އެނގޭނެ ގޮތްތައް ވެސް ދަސްވާނެކަމަށް އިންތި ވިދާޅުވިއެވެ. އިތުރަށް އޭނާ ވިދާޅުވީ ޕީޕީއެމްއާއި ދިވެހި ސަރުކާރުން މިހާރު އެންމެ ގުޅުން ބަދަހިކޮށްގެން އުޅޭ 2 ޤައުމުގެ ފަރާތުން މިފަދަ ކަންކަން ދަސްނުވާނެ ކަމަށާއި، އެޤައުމުތަކަކީ އިންސާނީ ހައްޤުތަކާއި ޑިމޮކްރަސީއާއި ބީރައްޓެހި، ހުދުމުޚުތާރު ވެރިކަންކުރަމުންދާ 2 ޤައުމުކަމަށެވެ. އެފަދަ ޤައުމުތަކާއި ގުޅުން ބަދަހިކޮށްގެން ތަހުޒީބަށް ވާޞިލްނުވާނެ ކަމަށް ވިދާޅުވިއެވެ.
ޖެނީވާގައި ހުންނަ ބައެއް މިޝަންތަކާއި ބައްދަލުކުރެއްވުމަށް ފަހު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ގެންދަވަނީ އެބައްދަލުވުންތަކުގެ ތަފްޞީލަށް ވަޑައިގަތުމުގެ ބަދަލުގައި، އެ ޕާޓީއިން އެމްޑީޕީއަށް ވުރެ ބޮޑަށް ބޭރުގެ ފަރާތްތަކާއި އޮންނަ ގުޅުން ބަދަހިކަމަށް ދެއްކެވުމަށް މަސައްކަތް ކުރައްވަމުންނެވެ. އެހެން ނަމަވެސް މިއީ މިފަހަކަށް އައިސް ޕީޕީއެމްގެ ޕީޖީގެ މެމްބަރުންތަކެއް މިފަދައިން ވަޑައިގެން ބޭރުގެ ފަރާތްތަކާއި ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.