ކެމްބްރިޖު އޭލެވެލް އާއި ރާއްޖޭގެ ގައުމީ އިމްތިހާން، އެޗްއެސްސީ އިމްތިހާން 3700 އަށް ވުރެ ގިނަ ދަރިވަރުންނާއެކު ހޮނިހިރު ދުވަހު ފަށައިފި އެވެ
އޭލެވެލް އިމްތިހާނާއި އެޗްއެސްސީ އިމްތިހާނުގެ ފުރަތަމަ ބުރު މިއަހަރުގެ މެއި އަދި ޖޫންގައި ބާއްވާފައިވާއިރު މިއީ އޭލެވެލް އިމްތިހާން މިއަހަރު ބާއްވާ ދެވަނަ ފަހަރެވެ. އޭލެވެލް އެޗްއެސްސީ އިމްތިހާން ފެށުމުގެ ގޮތުން ހޮނިހިރު އަދި އާދިއްތަ ދުވަހު އޮންނާނީ އެޗްއެސްސީ އިމްތިހާނުގެ ދެ މާއްދާ ކަމަށްވާ ދިވެއްސާއި އިސްލާމެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް (ޑީޕީއީ) އިން ބުނީ، މިފަހަރު އޭލެވެލް އިމްތިހާނުގައި ރާއްޖޭގެ 38 ސެންޓަރަކުން 2039 ދަރިވަރުން އޭލެވެލް އިމްތިހާން ހަދާއިރު 47 ސެންޓަރަކުން 1743 ދަރިވަރުން އެޗްއެސްސީ އިމްތިހާނުގައި ބައިވެރިވެފައިވާ ކަމަށެވެ.
އެގޮތުން އޭލެވެލް އިމްތިހާނުގައި މާލޭގެ ތިން ސްކޫލަކުން 1037 ދަރިވަރުންނާއި އަތޮޅުތެރޭގެ 34 ސްކޫލަކުން 934 ބައިވެރިވެ އެވެ. އަދި އެޗްއެސްސީ އިމްތިހާނުގައި މާލޭގެ ހަތް ސްކޫލަކުން 1077 ދަރިވަރުންނާއި އަތޮޅުތެރޭގެ 39 ސްކޫލަކުން 661 ދަރިވަރުން ބައިވެރިވެ އެވެ.
އޭގެ އިތުރުން ޑީޕީއީ ޕްރައިވެޓް ސެންޓަރުގެ ނަމުގައި އަމިއްލަ ގޮތުން 68 ދަރިވަރުން އޭލެވެލް އަދި ފަސް ދަރިވަރުން އެޗްއެސްސީ އިމްތިހާން މިއަހަރު ހަދައެވެ.
މިފަހަރުގެ އޭވެލް އިމްތިހާން ކުރިއަށްދާނީ މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.