އިސްލާމިކް ފައުންޑޭޝަންގެ ފަރާތުން ރޮހިންޖާ މުސްލިމުންނަށް 1 މިލިއަން ރުފިޔާ ހަދިޔާ ކޮށްފިއެވެ.
މިފައިސާ އިސްލާމިކް ރިލީފް ވަރލްޑްވައިޑް އާއި ޙަވާލު ކޮށްފައި ވަނީ ރޮހިންޖާ މުސްލިމުންގެ ހާލަތު ދެނެ ގަތުމަށް އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ބަންގްލަދޭޝްގައި މިހާރު ހަރަކާތްތެރި ވަމުންދާ އެ ޖަމިއްޔާގެ ރައީސް އިބްރާހީމް ފައުޒީ އާއި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އާއި އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް ނާޒިމް އެވެ.
އިސްލާމިކް ރިލީފް ވަރލްޑްވައިޑްގެ ފަރާތުން އެހީގެ ފައިސާ އާއި ޙަވާލުވެވަޑައިގެންނެވީ އެޖަމިއްޔާއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ހެޑް އޮފް ހިޔުމަނިޓޭރިއަން ޕްރޮގްރާމްގެ ވެރިޔާ ޣުލާމް މުޢުތަސިމް ބިﷲ އެވެ.
އިސްލާމިކް ފައުންޑޭޝަނުން ބަންގްލަދޭޝްއަށް މިހާރު ކުރަމުންދާ ދަތުރުގައި ފައިސާގެ އެހީގެ އިތުރުން ރެފިއުޖީ ކޭމްޕްތަކުގައި ތިބި ބައެއް މީހުންނަށް ވަނީ އަންނައުނު ފޯރު ކޮށްދީފައެވެ.
އިސްލާމިކް ރިލީފް ވަރލްޑްވައިޑަކީ 2011 ވަނަ އަހަރު ސޯމާލިޔާއަށް ދިމާވި ބަނޑުހައިހޫނު ކަމުގެ ކާރިޘާގައި 1122އިސްލާމިކް ރިލީފް ވޯލްޑްވައިޑަކީ އެ ޤައުމަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްއަށް އެހީތެރިވި ފަރާތެކެވެ. އެފަހަރު އިސްލާމިކް ފައުންޑޭޝަންގެ ފަރާތުން ސޯމާލިޔާގެ 83,000 މީހުންނަށް ވަނީ އެއްމަސްދުވަހަށް ފުދޭވަރަށް ކާބޯތަކެތި ފޯރުކޮށްދީފައެވެ.
ރޮހިންޖާ މުސްލިމުންގެ ހާލަތު ދެނެގަތުމަށް އިސްލާމިކް ފައުންޑޭޝަންގެ ފަރާތުން ދަތުރުފަށާފައިވަނީ މި އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހުއެވެ. މިދަތުރު ނިންމާ ރާއްޖެ އަންނާނީ އަންނަ ހޯމަ ދުވަހުއެވެ.
ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުންނަށް އެހީތެރިވުމުގެ ހަރަކާތުގައި ބައެއް ކައުންސިލްތަކާއި ކްލަބް ޖަމިއްޔާތަކާއި ދައުލަތުގެ މުވައްސަސާތަކާއި އަމިއްލަ ފަރުދުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަނުން ހާމަކުރެއެވެ.