ބޭސްފަރުވާއަށް ވަޑައިގެންނެވި ގޮތަށް ސިންގަޕޫރުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރާއްޖެ ގެނެއުމަށް ކުރަންޖެހޭ ކަންތައްތައް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފިލައިގެން އުޅޭ މީހުން ރާއްޖެ ގެނެއުމުގައި އޮންނަ އުސޫލުގ ދަށުން ގާސިމް ރާއްޖެ ގެނެއުމަށް ކުރަންޖެހޭ ކަންތައްތައް ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް، މިހާތަނަށް ފުލުހުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ތަފްސީލް ހާމަކުރެއްވުމަށް އޮފިޝަލް ދެކޮޅު ހެއްދެވި އެވެ.
ގާސިމް ތިން އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާއިރު، އެމަނިކުފާނު ހުންނެވީ ބޭސްފަރުވާއަށް ވަޑައިގެން ސިންގަޕޫރުގަ އެވެ. ބޭސްފަރުވާ ކުރުމަށް ސަރުކާރުން ދިން މުއްދަތު މިމަހުގެ 2 ވަނަ ދުވަހު ހަމަވެފައިވާއިރު، ސަރުކާރުން މިހާރު ބަލަނީ ގާސިމް ފިއްލެވީ ކަމަށެވެ.
ބޭސްފަރުވާއަށް ގާސިމް ސިންގަޕޫރަށް ވަޑައިގެންނެވީ ސެޕްޓެމްބަރު 6 ވަނަ ދުވަހު އެވެ. ސަރުކާރުން ފުރަތަމަ ދިން 10 ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން ސެޕްޓެމްބަރު 13 ވަނަ ދުވަހު އަނެއްކާ ވެސް 10 ދުވަސް ދިނެވެ. އެއަށް ފަހު އެ މުއްދަތު ހަމަވަމުން ސެޕްޓެމްބަރު 26 ވަނަ ދުވަހު ފަސް ދުވަސް އިތުރުކޮށްދިނެވެ.
ގާސިމަކީ ފްލައި ކުރުމަށް އަންފިޓް މީހެއް ކަމަށް ކުރީން ވެސް ކަނޑައަޅާފައިވާތީ އާއި އެމަނިކުފާނުގެ މެޑިކަލް ސްޓޭޓަސް އަށް ބަދަލެއް އައިސްފައި ނުވާތީ އެއަރލައިނުން އެމަނިކުފާނަށް ދަތުރު ކުރުމަށް ހުއްދަ ދީފައިނުވާ ކަމަށް ވަކީލުން ދަނީ ވިދާޅުވަމުންނެވެ.
ބޭސްފަރުވާ ފުރިހަމަކުރުމަށްޓަކައި ޑިސެމްބަރު މަހުގެ ނިޔަލަށް ސިންގަޕޫރުގައި ގާސިމަށް ހުންނެވުމުގެ ހުއްދަ ދެއްވައި، ސަރުކާރުން ދީފައިވާ ޓްރެވަލް ޑޮކިއުމެންޓްގެ މުއްދަތު އިތުުރުކޮށްދިނުމަށް ގާސިމްގެ އާއިލާގެ ފަރާތުން ވަނީ އެދިފަ އެވެ. އެހެން ނަމަވެސް، ސަރުކާރުން ނިންމާފައިވަނީ މުއްދަތު އިތުރުކޮށް ނުދިނުމަށެވެ.