އުމުރުން ދުވަސްވީ ފަރާތްތަކާއިއެކު ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ހޮނިހިރު ދުވަހުގެ ރޭ ބައްދަލުކުރައްވާނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ. މުލީއާގޭގައި ހޮނިހިރު ދުވަހު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުޢާޒް ޢަލީ ވިދާޅުވީ އާއްމުކޮށް ހުޅުވާލެވިގެން ބާއްވާ މި ބައްދަލުވުން އޮންނާނީ ހޮނިހިރު ދުވަހުގެރޭ 8:30ގައި ރަސްފަންނުގައިކަމަށެވެ.
ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން އަމިއްލަ ގޮތުން އިސްނަންގަވައިގެން ކުރައްވާ ކަންތައްތަކާއި ވެރިކަންކުރާ ޕާޓީ ޕީޕީއެމްގެ ކެމްޕޭން ޙަރަކާތްތައްކަމަށް ބެލެވޭނެ ބައެއް ހަރަކާތްތަކުގައި ދައުލަތުގެ މުދަލާއި މުވައްޒަފުން ބޭނުންކުރާ މައްސަލަ މީގެ ކުރިންވެސް ފެންމަތިވެފައިވާއިރު، މުއާޒް ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ ބާއްވަވާ އިވެންޓަކަށްވާތީ، އެއިވެންޓްގައި ކަމާއި ގުޅޭ ހުރިހާ ފަރާތެއްވެސް ބައިވެރިވާނެކަމަށެވެ.
އުމުރުން ދުވަސްވީ މީހުންނާއި ރައީސް ޔާމިން ބައްދަލުކުރައްވާއިރު، މިއީ ހަމައެކަނި ފޮޓޯއަށް ކުރައްވާކަމެއްކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ ސިއްހީ އަދި ދަތުރުފަތުރުކުރުމުގެ ޒަރޫރީ ބޭނުންތައްފަދަ ކަންތައްތަކަށް ސަރުކާރުން އަހައްމިއްޔަތުކަން ނުދޭކަން އެފަރާތްތަކުން ފާހަގަކުރެއެވެ. އަދި މާލޭގައި ދިރިއުޅޭ ދުވަސްވީ މީހުންނަށްވުރެ ހާލުގައި ބައެއް ރަށްރަށުގައި ބައެއް ދިރިއުޅެމުންދާއިރު، އެކަންކަމަށް ސަރުކާރުން އަޅާނުލާކަން އެފަރާތްތަކުން ފާހަގަކުރެއެވެ. މީގެ އިތުރުންވެސް ރައީސް ޔާމީންގެ ސަރުކާރުން އުމުރުން ދުވަސްވީ މީހުންނަށް ކޮށްދޭން ބުނި އެތައްކަމެއް ވަނީ ކޮށްނުދެވިކަން ފާހަގަކޮށްލެވެއެވެ.