ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި ވާޖިބު އަދާކުރާނީ ރައްޔިތުން އިންތިހާބު ކޮށްފައި ތިބި މެމްބަރުން ކަމަށާއި މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި ސިފައިން އަދާ ކުރަންޖެހޭ އަދި ނިންމަންޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި ހިނގާދިޔަ ކަންތައްތަކާ ގުޅިގެން މަޖިލީހުގެ ގިނަ މެމްބަރުންތަކެއްގެ މައްޗަށް ފުލުހުން ތަހުގީގުތަކެއް ހިންގަމުންދާތީ އާއި ކޯޓުތަކުގައި މެމްބަރުންތަކެއްގެ ޝަރީއަތްތަކެއް ވެސް ކުރިއަށް ގެންދާތީ ރާއްޖެޓީވީން ހުކުރު ދުވަހުގެ ރޭ ގެނެސްދިން ހާއްސަ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ފުލުހުން ހިންގަމުންދަނީ ސިޔާސީ ތަހުގީގެއް ކަމަށެވެ. އަދި މެމްބަރުންގެ މައްޗަށް ކޯޓުތަކުގައި ހިންގަނީ ވެސް ސިޔާސީ ދައުވާތަކެއްގެ ޝަރީއަތްތަކެއް ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެތާ ތެރޭގައި ހަރަކާތްތެރިވެ، އެތާތެރޭގައި މަސައްކަތްކުރަންޖެހޭ ތަނެއްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި ގާނޫނުއަސާސީން ކަނޑައެޅިގެން ވަރަށް ސާފުކޮށް ޝަރީހަ އިބާރާތުން އޮތް ކަންތައްތަކެއް،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކަންކަން ނިންމާނީ މަޖިލީހުގެ މެމްބަރުން ކަމަށް މަޖިލީހުގެ ގަވާއިދާއި ގާނޫނުއަސާސީން އެނގެން އޮންނަ ކަމަށެވެ. އެހެން ކަމުން މަޖިލީހުގެ އިދާރީ ކަންކަން ކުރުމަށް މަޖިލީހުގެ ރައީސަކު ހޮވި ނަމަވެސް، މަޖިލީހުގެ ރައީސަކީ މަޖިލީހުގެ ހުރިހާ ކަމެއް ނިންމުގެ ބާރު އޮތް ފަރާތެއް ނޫން ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނުނިންމާ ކަމެއް ހަމަ ޔަގީނުން ވެސް ސިފައިންނަކަށް ވެސް ފުލުހުންނަށް ވެސް ނިންމޭ ހާލަތަކަށް އަދި ރައްޔިތުންގެ މަޖިލީހެއް ނުދޭ. މަޖިލީހުގެ ގަވާއިދުގައި އެބައޮތް ވަރަށް ސާފުކޮށް މަޖިލީހުގެ ޗެމްބަރުގެ ތެރެއަށް ވަދެވޭނެ ފަރާތްތައް ކަނޑައަޅާފަ. އެދުވަހު ޗެމްބަރުގެ ތެރެއަށް ވެންނެވިއިރު ސިފައިން ކަމަށް ބެލެވޭ ބަޔަކު ތިބި. މަޖިލީހަށް ސިފައިންނަށް ވެސް ފުލުހުންނަށް ވެސް މަޖިލީހުގެ ތެރެއަށް ވަދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ހުއްދައެއް އޮވެގެން. މަޖިލީހުގެ މެމްބަރުން ނުދޭ ހުއްދައެއް މަޖިލީހުގެ ރައީސަށް ވެސް ނުދެވޭނެ. ކަންކަން ނިންމާނީ މެމްބަރުން،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ފުލުހުން އޭނާގެ މައްޗަށްކުރާ ތުހުމަތަކީ މަޖިލީހުގެ ޗެމްބަރުގެ ތެރޭގައި ތިބި ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތު ކަމަށެވެ. އާޒިމް ވިދާޅުވީ މަޖިލީހުގެ ޗެމްބަރުގެ ތެރޭގައި ސިފައިން އަދާކުރަންޖެހޭ ގާނޫނީ ވަޖިބެއް ނޯންނާނެ ކަމަށެވެ. އެހެން ކަމުން ނެތް ވާޖިބަކަށް ހުރަސް ނޭޅޭނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
"ސިފައިންގެ ގާނޫނީ ވާޖިބެއް ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގެ ތެރޭގައެއް ނޯންނާނެ. މަޖިލީހުގެ ޗެމްބަރުގެ ތެރޭގައި ސިފައިންގެ ގާނޫނީ ވާޖިބެއް އޮންނަ ކަމަށްވާ ނަމަ، ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލިސްތަކުގައި ވެސް ސިފައިންގެ ގާނޫނީ ވާޖިބެއް އޮންނާނެ،" އާޒިމް ވިދާޅުވި އެވެ.