ރ. މަޑުއްވަރީގައި ދޮންދަރިއަކާ ތަފާތު އެކި ދުވަސްތައް މަތިން ތަކުރާރުކޮށް ބެހުނުކަން ސާބިތުވެ މީހަކު 15 އަހަރަށް ޖަލަށް ލުމަށް އެރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.
އަނިޔާ ލިބުނު ކުއްޖާގެ ވަނަވަރު ހާމަވެދާނެތީ ކުށް ސާބިތުވި މީހާގެ ނަމާއި އެހެނިހެން މައުލޫމާތު މި ޚަބަރުގައި ހާމަކޮށްފައެއް ނުވާނެ އެވެ.
މި މައްސަލައިގައި ދޮންބައްޕަގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާއަށް އެ މީހާ ވަނީ އިންކާރުކޮށްފަ އެވެ.
ދައުވާގައިވާ ގޮތުން 2013 ވަނަ އަހަރުން ފެށިގެން ތަފާތު އެކި ދުވަސްތައް މަތިން ދޮންދަރިއަށް ޖިންސީ އެކި ޒާތުގެ ގޯނާ ކޮށްފައިވެއެވެ.
އަންގާރަ ދުވަހު ކުރި ހުކުމުގައިވާ ގޮތުން، ދައުވާ އަށް އިންކާރުކޮށްފައި ވީނަމަވެސް، ޝަރީޢަތުން ބެލިބެލުމުން، އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ ޢަމަލު ހިންގާފައިވާކަން، އޭނާގެ އަމިއްލަ އިޢްތިރާފު ޝަރީޢަތަށް ލިބެން އޮތް މިންވަރަށާއި، ދައުލަތުން ހުށަހަޅާފައިވާ ހެއްކި ޤަރީނާއަށް ބަލައި، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވި އެވެ.
އެހެންކަމުން އެ ކުށުގެ އުގޫބާތެއްގެ ގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން 15 އަހަރު ދުވަހުގެ މުއްދަތަށް އޭނާ ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.