ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު ޙުސައިން އަރީފްގެ މައްޗަށް ތުޙުމަތު ކުރާ މައްސަލައެއްގައި ފުލުސް އޮފީހަށް ހާޒިރުވުމަށް އަނެއްކާވެސް އަންގައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލަމާތީ ކަންކަން ބަލަހައްޓަން ތިބި ސިފައިންނާ މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލައިގެ އިތުރުން އެހެން ތުޙުމަތެއް ކުރާކަން އަރީފް ހާމަކުރެއްވީ ކުރީ ބުރާސްފަތި ދުވަހުއެވެ.
އަރީފު ވިދާޅުވީ ފުލުހުންގެ މަޢުލޫމާތުތަކެއް އާންމު ކުރިކަމަށް ބުނާ މައްސަލައަކާ ގުޅިގެން މި މަހުގެ 8 ވަނަ ދުވަހު ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށެވެ.
ނަމަވެސް އަރީފްގެ މައްޗަށް ކުރާ ތުޙުމަތުތަކަށް އޭނާ ވަނީ އިންކާރު ކުރައްވާފައެވެ. އަރީފް ވިދާޅުވީ ފުލުސް އޮފީހަށް މެމްބަރުން ހާޒިރުކުރުމަކީ ރައީސް އަބްދުﷲ ޔާމިން ހައްދަވާ ގޯސްތަކެއްކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތައް ނިކުމެ މި ތިބީ ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ކުރެއްވި ހަނގުރާމައާ ކުރިމަތިލެއްވި ނުރައްކާތެރި ކަންތައްތަށް ހަނދުމަ އާކޮށްގެން އެފަދަ ގައުމީ މަސައްކަތަކަށް. އަޅުގަނޑުމެންގެ ހިތުގައި މިވާ ގައުމީ ލޮތްބެއް މިޒާތުގެ ކަމަކުން ނުހުއްޓުވޭނެ،" އޭނާ ވިދާޅުވިއެވެ.