ޔޫރަޕިއަން ޔޫނިއަން ޕާލަމެންޓް (އީޔޫ) އިން ރާއްޖެއާ ގުޅޭ ގޮތުން ފާސްކުރި ގަރާރުން 2018 ވަނަ އަހަރު މިނިވަން އިންތިޚާބެއް ބޭއްވޭނެކަން ޔަގީންވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން ހުކުރު ދުވަހު ހަވީރު ބޭއްވި "ސައިގެ" ހަރަކާތުގައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ އީޔޫގެ ގަރާރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެކަން ޔަގީންވެ ކަށަވަރުވެގެން ހިނގައްޖެ ކަމަށެވެ.
ޝަރީފު ވިދާޅުވީ، ރާއްޖޭގެ ކަންކަން ކިނލަބުވުމަށް މި ސަރުކާރުން ދޫކޮށްލުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ބައިނަލްއަޤުވާމީ އެކި ޖަމިއްޔާ ޖަމާއަތްތަކުން ރާއްޖެއާއި މެދު ނެރޭ އެފަދަ ބަޔާންތަކުގެ ސަބަބުން ރާއްޖޭ އިގުތިސާދަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
"ދިވެހި ސަރުކާރަށް އަޅުގަނޑު މި ގޮވަލަނީ ތިޔަބޭފުޅުން އެފަދަ ގަރާރުތަކަށް ޖާގަ ލިބޭ ގޮތައް ކަންތައްތައް ނުކުރައްވާށޭ. ދިވެހި ރާއްޖޭގެ ހުރިހާ ބޭފުޅުންގެ ހައްގުތައް ތިޔަ ބޭފުޅުން ހިމާޔަތް ކުރައްވާށޭ،" އޭނާ ވިދާޅުވިއެވެ.
އެހެން ކަމުން ސަރުކާރާ އިދިކޮޅު ފަރާތްތަކާއި ވާހަކަ ދައްކައި އިދިކޮޅު ފަރާތްތަކުގެ އަޑު އެހުމަށްވެސް އޭނާ ގޮވާލެއްވިއެވެ. އަދި ރާއްޖެއާމެދު ތަފާތު ގަރާރުތައް ފާސްކުރަން ޖެހޭ ސަބަބާމެދު ސަރުކާރުން ވިސްނަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީއާއި ގުޅިފައިވާ އެހެން ސިޔާސީ ޕާޓީތައް ކުރަމުންދާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށާއި ދެން އެންމެ އަވަހަށް ބާއްވާ އިންތިޚާބެއް އެމްޑީޕީން ކާމިޔާބުކުރާނެ ކަމަށެވެ.
މީގެ އިތުރުން ރައްޔިތުންނަށް އަމާންކަމާ ރައްކާތެރިކަން ނެތް ނަމަ ތަރައްގީގެ ބޭނުމެއް ނެތްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، މިއަދު ކޮންމެ ރައްޔިތަކުވެސް އުޅެން ޖެހިފައިވަނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.
މި ހަރަކާތުގައި ވާހަކަ ދެއްކި އެހެން ފަރާތްތައްވެސް ވަނީ އީޔޫއިން ފާސްކުރި ގަރާރުގައި ހުރި ކަންކަމަކީ ހަގީގަތެއް ނޫން ކަމަށް ބުނެ ސަރުކާރުން ރައްދުދީފައިވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަދި އީޔޫގެ ގަރާރާއިއެކު އިދިކޮޅު ފަރާތްތަކުގެ މަސައްކަތަކަށް އިތުރު ހިތްވަރެއް ލިބިއްޖެ ކަމަށާއި އިދިކޮޅު ހަރާތްތައް ހުއްޓާނުލައި ކުރިއަށް ގެންގޮސް މި ސަރުކާރު ބަދަލު ކުރާނެ ކަމަށްވެސް ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.