ޕީޕީއެމް ސަރުކާރުން ވެރިކަމުގައި އޮތްއިރު ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ޙާލަތު ދުވަހުން ދުވަހަށް ދަށަށްދާ މައްސަލައިގައި އީޔޫ ޕާލަމެންޓުން އިއްޔެ ރާއްޖެއާއި ދެކޮޅަށް ޤަރާރެއް ނެރެފައިވަނިކޮށް، ޕީޕީއެމްގެ މެމްބަރުން އދގެ އިންސާނީ ހައްޤުތަކާއި ބެހޭ އިސްވެރިޔާއާއި ބައްދަލުކޮށްފި އެވެ. އަދި އެ ބައްދަލުވުމުގައި ވަނީ ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރާކަމަށް ދެއްކުމަށް މަސައްކަތްކުރައްވާފަ އެވެ.
އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީގެ އަހަރީ ޖަލްސާގައި ބައިވެރިވުމަށް އެޤައުމަށް ދިޔަ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ވަފުދު ވަނީ އދގެ އިސް މަންދޫބުގެ އިތުރުން ސްވިޓްޒަލޭންޑްގެ ޖެނީވާގައި ހުންނަ ބޭރު ޤައުމުތަކުގެ މިޝަންތަކާއިވެސް ބައްދަލުކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމް މަޖިލިސް މެމްބަރުން ވަނީ ސިންގަޕޯރ، އެމެރިކާ އަދި ސަޢޫދީގެ ފަރާތުން ޖެނީވާގައި ހުންނަ އދގެ އޮފީސްތަކަށް ކަނޑައަޅުއްވާފައިވާ މަންދޫބުންނާއި ބައްދަލުކުރައްވާފައެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހާއި ބެހޭ ގޮތުން އެބޭފުޅުން އެމިޝްނަތަކަށް މައުލޫމާތު ދީފައިވާކަމަށް ޖެނީވާގައި ހުންނަ ރާއްޖޭގެ މިޝަންއިން ބުނެއެވެ. ރާއްޖެއާއި ގާތް ބައެއް ޤައުމުތަކުގެ މިޝްނަތަކާއި ބައްދަލުކުރިނަމަވެސް، ވިލާތުގެ ޤައުމުތަކުގެ ސަފީރުންނާއި ބައްދަލުކުރެއްވިކަމެއް އެނގިފައެއް ނުވެއެވެ. ސައޫދީ އެމްބަސީއެއް ރާއްޖޭގައި ހުރެމެ، އަދި ސިންގަޕޫރާއި އެމެރިކާގައި ދިވެހި ރާއްޖޭގެ އެމްބަސީތައް ހުންނައިރު، ޖެނީވާގައި ހުންނަ އދގެ އޮފީސްތަކަށް ކަނޑައަޅާފައިވާ މަންދޫބުންނާއި އެކު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ހިއްސާކުރާނެ މާގިނަ ވާހަކަތަކެއް ނުވަތަ އޮޅުންފިލުވައިދޭން ޖެހޭ ވާހަކަތަކެއް ނުހުންނާނެކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ސަރުކާރާއި ސަރުކާރު ހިންގާ ޕީޕީއެމް ގެންދަނީ ބޭރު ޤައުމުތަކާއި އޮންނަ ގުޅުން ރަނގަޅުކަމަށް ދައްކައި، ބޭރު ޤައުމުތަކާއިއެކު ވާހަކަތައް ދެކެވޭކަމަށް ދެއްކުމަށް މަސައްކަތްކުރަމުންނެވެ.