މިދިޔަ މަހު ފިޝަރީޒް މިނިސްޓްރީން އިއުލާނުކުރި ވަރުވާއަށް ދޫކުރާ 60 އަށްވުރެ ގިނަ ރަށުގެ ބިޑް ހުށަހަޅަންޖެހޭ ތާރީހު އެ މިނިސްޓްރީން އިއުލާނުކޮށްފި އެވެ
ފިޝަރީސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވަނީ ބީލަމުގެ އުސޫލުން ށ، ނ، ރ، ބ، ކ، އދ، ވ އަދި ސ އަތޮޅުގެ ކަނޑައެޅިފައިވާ ފަޅުރަށްތައް ވަރުވާއަށް ހިފުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ރަށްތަކާ ގުޅޭ މައުލޫމާތާއި ޕްރޮސެިސިން ފީ ބަލައިގަންނާނެ ދުވަސް ކަނޑައަޅާފަ އެވެ. އަދި ބިޑު ހުށަހަޅަންވީ ދުވަސްވެސްް ހާމަކޮށްފަވެ އެވެ. އެގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 11 ވާ ބުދަ ދުވަހު އެވެ. އަދި ޕްރޮސެސިންގ ފީ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮކްތޫބަރު 15 ވަނަ ދުވަހެވެ. ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 23 ވަނަ ދުވަހު އެވެ.
މިދިޔަ ސެޕްޓެމްބަރު 25 ވަނަ ދުވަހު ފިޝަރީޒް މިނިސްޓްރީން އެންމެ ފުރަތަމަ އިއުލާނުކޮށްފައިވަނީ މި 8 އަތޮޅުގެ 65 ރަށެއް ވަރުވާއަށް ދޫކުރުމަށެވެ. އެހެން ނަމަވެސް އެ ރަށްތަކުގެ ތެރެއިން ށ.ހުރަސްފަރާއި، ށ. ނާއިންފަރުގެ އިތުރަށް ސ.ބެދޭއައުރަށާއި ސ.މާހެރަ ވަނީ މި ލިސްޓުން އުނިކޮށްފަ އެެވެ. މިކަން ފިޝަރީސް މިނިސްޓްރީން އިއުލާނުކޮށްފައިވަނީ މިމަހުގެ ތިން ވަނަ ދުވަހު ކުރި އިއުލާނެއްގަ އެވެ.
ފިޝަރީޒް މިނިސްޓްރީން ގިނަ އަދަދެއްގެ ރަށްތައް ވަރުވާ އަށް ދިނުމަށް އިއުލާނުކޮށްފައިވާ އިރު މިދިޔަ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައިވަނީ ގދ. އަތޮޅުގެ 50 ރަށެއް ވަރުވާއަށް ދޫކުރުމަށް އިއުލާނުކޮށްފަ އެވެ. މީގެ އިތުރަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެސް ގއ. އަތޮޅުގެ 20 ރަށެއް ވަރުވާ ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި މިއަހަރުގެ ފެބްްރުއަރީ މަހުވެސް 27 ރަށެއް ގދ. އަތޮޅުން ވަރުވާ އަށް ދޫކުރުމަށް ފިޝަރީޒް މިނިސްޓްރީން އިއުލާނުކުރި އެވެ.
ވަރުވާއަށް ރަށްތައް ދޫކުރުމުގެ ގަވައިދުގައި ވާގޮތުން ފިޝަރީޒް މިނިސްޓްރީން އިއުލާންކުރުމުން އެންމެ ފަރާތަކުން ކުރިމަތިލި ނަމަވެސް އެފަރާތަކުން ހުށަހަޅާފައިވަނީ އެކަށީގެންވާ ހުށައެޅުމެއް ކަމަށް މިނިސްޓްރީއަށް ޤަބޫލުކުރެވޭ ނަމަ އެ ރަށެއް އެ ބިޑު ހުށަހެޅި ފަރާތަށް ދޫކުރެވޭނެ އެވެ. ވަރުވާއަށް ދޫކުރުމަށް އަލުން އިއުލާން ކުރުމުން އެއްވެސް ފަރާތަކުން ބިޑު ހުށައަޅާފައި ނުވާ ނަމަ ފިޝަރީޒް މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް އެކަށީގެންވާ އަގެއްގައި އެރަށެއް ވަރުވާއަށް ދޫކުރެވިދާނެ ކަމަށް މިދިޔަ އަހަރުގެ ޑިސެމްބަރުގައި ފަޅުރައްތައް ވަރުވާއަށް ދޫކުރުމުގެ ގަވައިދުގެ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.